16 Sep 2012, 13:43
މުއާސަލާތީ ކުންފުނި ވަތަނިއްޔާ އިން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެން ދިޔަ ޕްރޮމޯޝަންތަކުން ވަނަ ވަނަ އަށް ދިޔަ ފަރާތަތަކަށް މިއަދު އިނާމް ހަވާލުކޮށްފި އެވެ.
މިއަދު ނަސަންދުރާ ޕެލަސް ހޮޓަލުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ވަތަނިއްޔާގެ އެކިއެކި ޑިޕާޓްމެންޓްތަކުގެ އިސްވެރިނެވެ.
ވަތަނިއްޔާ އިން ރޯދަ މަހު ބޭއްވި މުބާރާތްތަކުގެ ތެރެއިން "ވަތަނިއްޔާ ރޯދަ ކްއިޒް" އިން އެއް ވަނަ ހޯދައިގެން އީގޯ ފަރުނީޗާ އިން ހުށަހަޅާފައިވާ 30000ރ.ގެ ބެޑްރޫމް ސެޓް ހާސިލްކޮށްފައި ވަނީ އަބުދުލް ރަހުމާން ޒިހުނީ އެވެ. އަދި އައިޕެޑް2، އިސްމާއިލް އިބްރާހިމް ހޯދި އިރު ތިން ވަނަ ހޯދައިގެން އައިފޯން ފޯ އެސް ހޯދީ ހަސަން މުހައްމަދެވެ.
އަދި ވަތަނިއްޔާ "މަސްރޭސް ކުއިޒް"ގެ ނަމުގައި ކުރިއަށްގެން ދިޔަ 60 ސުވާލު ހިމެނޭ ކުއިޒުން އެއް ވަނަ ހޯދައިގެން ހަސަން މެރިން އިންޖީނިއަރިން ސޮލިއުޝަންއިން ހުށައެޅި 120،000ރ.ގެ މާކިއުރީ އައުޓްބޯޑް އިންޖީން ހާސިލް ކުރީ ނީމާ އަލީ އެވެ.
ވަތަނިއްޔާ އިން "މަސްރޭސް ފޮޓޯގްރެފީ މުބާރާތް"ގެ ނަމުގައި މި އަހަރުގެ ރޯދަ މަހުގެ އިންސްޓާގުރާމް މެދުވެރިކޮށް ފޮޓޯ ފޭސްބުކާއި ޓުވިޓާގައި އަޕްލޯޑްކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތުން އެއް ވަނަ ހޯދައިގެން ސެމްސަންގް ގެލެކްސީ އެސް ތްރީ ފޯނަކާއި ވަތަނިއްޔާ ޕޯސްޓްޕެއިޑް 600 އިގެ ޕެކޭޖެއް ހޯދާފައި ވަނީ ހަސަން އިޝާން އެވެ. ދެވަނަ އަށް ދިޔަ ފަރާތަށް ބުލެކްބެރީ ބޯލްޑް ފޯނަކާއި ބުލެކްބެރީ ލައިޓް ޕެކޭޖެއް ހާސިލްކުރީ އިބްރާހިމް ހަލީމް އެވެ. އަދި ތިން ވަނަ ހޯދައިގެން ބްލެކްބެރީ ޓޯޗް ފޯނަކާއި ބްލެކްބެރީ ލައިޓް ޕެކޭޖެއް ހާސިލްކޮށްފައި ވަނީ އަބުދުލްﷲ ޝައްމާން އެވެ.
އެ މުބާރާތުން ވަނަ ވަނައަށް ދިޔަ ފަރާތްތައް ހޮވާފައި ވަނީ އަޕްލޯޑް ކުރި ފޮޓޯއެއް ރީޓްވީޓް ކުރި އަދަދާއި އެ ފޮޓޯއަކަށް ލިބުނު ލައިކްސްގެ އަދަދަށް ބަލައިގެންނެވެ.
އަދި މިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ ސުޕެންޑް އެން ވިން ޕްރޮމޯޝަންގައި 50ރ. ހޭދަކޮށްގެން އިނާމްތައް ހޯދުމުގެ ފުރުސަތު ވަތަނިއްޔާގެ ކަސްޓަމަރުނަށް ވަނީ ދީފަ އެވެ. އެގޮތުން ރާއްޖޭގެ ނަންބަރުތަކަށް ކުރި ކޯލްތަކަށް، އެ ޕްރޮމޯޝަނުން ސެމްސަންގް ގެލެކްސީ އެސް ތްރީ ފޯނަކާއި އެޗްޑީ ޓީވީއަކާއި މެލޭޝިޔާ ދެކޮޅު ޓިކެޓްގެ އިތުރުން ޑިޖިޓަލް ގުރުއާންގެ އިތުރުން އިނާމްތައް ހާސިލްކުރި ފަރާތްތަކަށް އެ އިނާމްތައް ވެސް ވަނީ ހަވާލުކޮށްފަ އެވެ.
ވަތަނިއްޔާ އިން ބުނީ މިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ އެ ހުރިހާ ޕްރޮމޯޝަނަކަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިނު ކަމަށެވެ.