ނެކްސްބިޒު ކުންފުނިން ގާއިމް ކުރަމުންދާ ހަ ސަތޭކަ މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ގާތްގަނޑަކަށް ނިމި އެ ސިސްޓަމްގެ ޓެސްޓް ކުރަން ފަށައިފި އެވެ.

އިމިގްރޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ދަށުން ނެކްސްބިޒްއިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ނިންމާފައިވާ ކަމަށާއި އެއާޕޯޓުގައި މިހާރު ބޭނުން ކުރަމުންދާ 60 ޕަސެންޓަކީ ނެކްސް ބިޒްގެ ބޯޑާ ކޮންޓްރޯލް ނިޒާމު ކަމަށެވެ. ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ މީހުންގެ ތެރެއިން އަދި އެ ސިސްޓަމް ބޭނުން ކުރަމުން އަންނަނީ ޓޫރިސްޓުން އެކަނި ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރު ލައިވްކޮށްފައި އެ ހުރީ ސިސްޓަމް، އެގޮތުން ޓޫރިސްޓުންގެ ފިންގާ ޕްރިންޓް ދެނެގަތުމާއި، ޕާސްޕޯޓް ފުލް ސްކޭނިންގެ ހިދުމަތް އެ ނިޒާމުގެ ތެރެއިން މިހާރު ހަމަޖެހިފައި އޮތީ،" އޮފިޝަލް ވިދާޅުވި އެވެ. އަންނަ ހަފުތާ ތެރޭގައި ނިޒާމް ފުރިހަމައަށް ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށާއި އޭގެ ފަހުން ދިވެހިން ވެސް ރާއްޖެ އެތެރެވެ ބޭރުވާނީ އެ ނިޒާމުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މިހާރު ކުރިއަށްދާ މަރުހަލާގެ ތެރޭގައި އެ ނިޒާމުގައި ހުރި އެކި މައްސަލަތައް ފާހަގަކޮށް ރަނގަޅުކުރަމުން އަންނަ ކަމަށާއި މީގެ ކުރިން ނެކްސްބިޒުން އެ މަސައްކަތް ހުއްޓާލިއިރު ވެސް ކޮންމެވެސް ވަރަކަށް އެ ސިސްޓަމް ބޭނުން ކުރަމުން ދިޔަ ކަމަށްވެސް ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދަން ހުރި އެހެން ފިޔަވަހީގެ މަސައްކަތްތައް މުޅިން ނިންމަން އަހަރެއްހާ ދުވަސްނަގާނެ ކަމަށް ވިދާޅުވި އެވެ. ބޯޑާ ކޮންޓްރޯލް ނިޒާމަކީ ކޮރަޕްޝަންގެ ތުހުމަތުތައް ވަރަށް ބޮޑަށް ކުރެވި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމަށް ދެތިން ފަހަރަކު ހުއްޓާލަން ވެސް ޖެހުނު މަޝްރޫއެކެވެ. އެ ނިޒާމުގެ މަސައްކަތް އަލުން ފެށީ އެ މަސައްކަތް ހުއްޓާލުމަށް ހައިކޯޓުން ނެރެފައިވާ އަމުރު ސުޕްރީމްކޯޓުން ބާތިލް ކުރުމާއި އެކު މިދިޔަ މަހުގެ ފަހުކޮޅު އެވެ.

މެލޭޝިޔާގެ ނެކްސް ބިޒާ އެކު އިމިރޭޝަނުން އެއްބަސްވެފައިވާ ބޯޑާ ކޮންޓްރޯލްގެ އެގްރީމަންޓްގެ ދަށުން 22 އަހަރުވަންދެން ރާއްޖެ އިން ފުރާ އަދި އަންނަ ކޮންމެ ފަސިންޖަރެއްގެ އަތުން ކޮޅަކަށް ދެ ޑޮލަރު ނެކްސް ބިޒަށް ނެގުމުގެ ބާރު ލިބިދެ އެވެ. އަދި އަލަށް ހައްދާ ކޮންމެ ވީސާ ހުއްދައަކުން އަދި އާ ކުރާ ކޮންމެ ހުއްދައަކުން 15 ޑޮލަރު ވެސް ނެގުމަށް ހަމަޖެހިފައިވެ އެވެ.