މުސާރަ ހާމަނައިޒްކުރުމުގެ މަރުހަލާގައި މުސާރަ ކުޑަވި މުވައްޒަފުންނަށް، ކުރިއަށް އޮތް މަހުގެ މުސާރައާއެކު އެ މައްސަލަ ހައްލުވެ، މުސާރަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި، މުސާރަ ހާމަނައިޒްކުރި އިރު މުސާރަ ކުޑަވެގެން ކަންބޮޑުވުން ފާޅުކުރި މުވައްޒަފުންގެ ތެރޭގައި ލީގަލް މުވައްޒަފުންނާއި، އެޗްއާރް މުވައްޒަފުންގެ އިތުރުން ކައުންސިލްތަކުގެ މުވައްޒަފުން ހިމެނެއެވެ.

އެ މަނިކުފާނު ވިދާޅުވީ، ވެވަޑައިގެންނެވި ވައުދުފުޅަކީ މުސާރަ ހާމަނައިޒްކުރާއިރު މުސާރަތައް ބޮޑުވެގެންދިއުން ކަމަށެވެ. ނަމަވެސް، ޕޭ ކޮމިޝަނުން މުސާރަ ހާމަނައިޒްކުރުމުގެ މަސައްކަތް ނިންމި އިރު، ބައެއް މުސާރަތައް ބޮޑުވުމުގެ ބަދަލުގައި އެއްވަރުވެ، ބައެއް މަގާމުތަކުގެ މުސާރަ ކޮންމެވެސް މިންވަރަކަށް ކުޑަވެފައިވާކަން ފާހަގަކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެ ފަދަ ހުރިހާ ކަންބޮޑުވުންތަކެއް ދެނެގަނެވި، ދެން އަންނަ މަހު މުސާރަ ލިބޭއިރު އެ މައްސަލަތައް ހައްލުކުރެވިފައިވާނެ ކަމަށެވެ.

"އެހެންވީމަ އެ ހުރިހާ މައްސަލައެއް އެ ހައްލުކޮށް ނިމެނީ މި ފަހަރު މުސާރަ ލިބޭއިރު. އަޅުގަނޑު މިއަދު ހެނދުނު މީގެ މައުލޫމާތު ނަގައިގެން މި އައީ ޕޭ ކޮމިޝަނުގެ ފަރާތުން. މި ފަހަރު މުސާރަ ލިބޭއިރު އިރާދަކުރެއްވިއްޔާ ޖުމްލަކޮށް ވަކިވަކި އިންޑިވިޖުއަލް ކޭސްތައް ނުހުންނާނެއެކޭ ނޫން. ޖުމްލަކޮށް މިގޮތަށް މުސާރަ މައްޗަށް ނުގޮސް ތިބި ފަރާތްތަކުގެ މައްސަލަ ހައްލުވާނެ،" ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން، ސަރުކާރުން ތަޢާރަފުކުރި އާ ޕޭ ފްރޭމްވާކަށް މިހާތަނަށް ދައުލަތުގެ 93 އިންސައްތަ މުއައްސަސާ ވަނީ ބަދަލުކުރެވިފައެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުން ހާމަކުރާ ގޮތުގައި، މި އޮނިގަނޑަށް އަމަލުކުރަން ފެށުމުން މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ދެނެގަނެ، ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

މީގެ އިތުރުން، އަދި މި އޮނިގަނޑަށް ބަދަލުނުވެ ހުރި މަދު މުއައްސަސާތައް ވެސް ވަރަށް އަވަހަށް މި ނިޒާމުގެ ތެރެއަށް ގެނައުމަށްޓަކައި ކުރަންޖެހޭ ފަންނީ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ މުވައްޒަފުންނަށް އިންސާފުވެރި އަދި ދެމެހެއްޓެނިވި ގޮތެއްގައި މުސާރައާއި އިނާޔަތްތައް ލިބޭނެ ނިޒާމެއް ޤާއިމުކުރުމެވެ.