16 Sep 2012, 13:06
އިންޑިއާގެ ކުންފުންޏަކުން އުފައްދައި ރާއްޖެ އެތެރެކޮށްފައިވާ އައިވީތަކަކުން އެއްޗެހިތަކެއް ފެނިގެން އެފަދަ އައިވީތަކެއް ބޭނުންކޮށްފި ނަމަ ފުރާނަ އަށް ގެއްލުންވެދާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
އެމްއެފްޑީއޭ އިން އިއްޔެ ނެރެފައިވާ "ފާމަސޫޓިކަލް އެލާޓު"ގައި ބުނެފައި ވަނީ އިންޑިއާގެ ބެކްސްޓާ ކުންފުނިން އުފައްދާފައިވާ "ރިންގާލެކްޓޭޓް" އައިވީގެ ދެ ބެޗަކުން ކަޅުކުލައިގެ އެތިކޮޅުތަކެއް ފެނިފައިވާ ކަމަށެވެ.
އައިވީއަކީ ވަކިހާއްސަ ގޮތެއްގައި ތައްޔާރުކޮށް، ބަންދުކޮށްފައިވާ ބާވަތެއް ކަމުން އޭގައި އެއްވެސް ކަހަލަ އިތުރު އެއްޗެއް ހުރުމަކީ އޭގެ ރައްކާތެރި ކަމާއި އައިވީގެ ފެންވަރާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
އެފަދަ ބާވަތްތައް ބޭނުންކޮށްފި ނަމަ ފުރާނައަށް ގެއްލުންވެދާނެތީ ފާމަސީތަކުންނާއި ސިއްހީ ހިދުމަތްދޭ ތަންތަނުން އެތަކެތި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ ބެކްސްޓާ ކުންފުނިން އުފެއްދި އައިވީގެ ތެރެއިން ކަޅު ކުލައިގެ އެއްޗެހިތަކެއް ފެނުނު އައިވީގެ ބެޗް ނަންބަރަކީ 10101199 އާއި 10101192 ކަމަށެވެ. އައި އެ ބެޗް ނަންބަރުގެ އައިވީ ބޭނުން ނުކުރުމަށް ބޭސް ފިހާރަތަކަށާއި ހޮސްޓިލްތައް އަދި ކްލިނިކްތަކާއި އާއްމު އެންމެހާ ފަރާތަކުން އަންގާފައިވެ އެވެ.