16 Sep 2012, 12:57
ފެބްރުއަރީ އަށް ވަނަ ދުވަހު ގދ. ތިނަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު އަށް މީހެއްގެ (ފޮޓޯ) މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ދައުވާ ކުރަން ފޮނުވާފައިވާ އަށް މީހުންނަކީ، ފުލުހުން މިއަދު ބުނި ގޮތުގައި، ތިނަދޫ ކައުންސިލް މެންބަރު އެރަށު އަސަރީގޭ އަލީ އިކްރާމާއި، ގދ. އަތޮޅު ކައުންސިލްގެ އެމްޑީޕީ މެންބަރު މުހައްމަދު ހަސަން ދީދީގެ މަންމަ އެރަށު ހިންދޫސް، ފާތިމަތު ޖަމީލާ އާއި އެރަށު ޑެން، މުހައްމަދު ނާސިހު ރަޝީދާއި ދީފްރަމްގޭ، އަހުމަދު އަޔާޒާއި ތެވެލި ޝަހާއުﷲ ޝަމީމާއި އެ އަތޮޅު ފަރެސްމާތޮޑާ އެޕްރީލްގޭ، މުހައްމަދު ޖާއިޒާއި ހޯނޑެއްދޫ ބިންމާގޭ، އަހުމަދު އަނީލްގެ އިތުރުން އެ އަތޮޅު ވާދޫ ދިލްބަހާރުގޭ، ޒިހާން މުހައްމަދު އެވެ.
ފުލުހުން ބުނީ ގދ. އަތޮޅު ކައުންސިލް އިދާރާ އާއި ތިނަދޫ ޕޮލިސް ސްޓޭޝަންގެ އިތުރުން ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތަށާއި މުދަލަށް ގެއްލުންދީ އެތަންތަނުގައި ހުޅުޖަހައި އަންދާލި މައްސަލައިގައި ތުހުމަތު ކުރެވޭ އެ އަށް މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ 108 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް މިދިޔަ މެއި މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ ޕީޖީއަށް ފޮނުވާފައެވެ. އެ މީހުންގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެނެއެވެ.