މި އަހަރުގެ ފީފާ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ނޯރާ ލަވަ ހުށަހަޅައިދޭނެ
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ނޯރާ ލަވަ ހުށަހަޅައިދޭނެ

މި އަހަރުގެ ފީފާ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ކެނެޑާއަށް ނިސްބަތްވާ ބޮލީވުޑްގެ ބަތަލާ ނޯރާ ފަތޭހީ ލަވަ ހުށަހަޅައިދޭނެކަން އިއުލާނުކޮށްފިއެވެ.

މި އަހަރުގެ ފީފާ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ނޯރާ ލަވަ ހުށަހަޅައިދޭނެ
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ނޯރާ ލަވަ ހުށަހަޅައިދޭނެ

ކެނެޑާގެ ޓޮރޮންޓޯގައި ހުންނަ ބީއެމްއޯ ފީލްޑުގައި މި އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 'ފީފާ ވޯލްޑް ކަޕް 2026'ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، ބައިނަލްއަގުވާމީ މަޝްހޫރު ފަންނާނުންނާ އެކު ނޯރާ ލަވަ ހުށަހަޅައިދޭ ގޮތަށް ހަމަޖެހުމަކީ ނޯރާގެ މިއުޒިކު ކެރިއާއަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ނޯރާ މި އަހަރުގެ ވޯލްޑް ކަޕްގައި ބައިވެރިވާނެކަން ފީފާއިން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައި--ފޮޓޯ/އިންޑިއާޓުޑޭ

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރުގެ މި ވަރުގަދަ މައިދާނުން ފުރުސަތު ލިބުމަކީ، ބައިނަލްއަގުވާމީ މުނިފޫހިފިލުވުމުގެ ދާއިރާގައި އޭނާގެ ނަން އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.

ނޯރާއާއެކު މި ރަސްމިއްޔާތުގައި ދުނިޔޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ އެލަނިސް މޮރިސެޓް، އެލެސިއާ ކާރާ، އެލިއާނާ، ޖެސީ ރޭޒް، މައިކަލް ބޫބްލޭ، ސަންޖޯއި، ވެޖެޑްރީމް އަދި ކެނޭޑިއަން މިއުޒީޝާން ވިލިއަމް ޕްރިންސް ފަދަ ތަރިން ބައިވެރިވާނެއެވެ.

ނޯރާ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އައިޓަމްއެއް ހުށަހަޅައިދެނީ--ފޮޓޯ/އިންޑިއާޓުޑޭ

މީގެ އިތުރުން، އެމެރިކާގައި ބާއްވާ ރަސްމިއްޔާތުގައި އަނީތާ، ފިއުޗަރ، ކޭޓީ ޕެރީ، ލީސާ، ރީމާ އަދި ޓައިލާ ފަދަ ދުނިޔޭގެ މިއުޒިކީ ލެޖެންޑުން ފެނިގެންދާނެއެވެ. މިއީ މިއުޒިކާއި ސަގާފަތް އެކުލެވިގެންވާ ކުލަގަދަ ހަރަކާތަކަށް ވެގެންދާނެއެވެ.

މި ފުރުސަތާއެކު، ނޯރާ އަކީ އެކި ސަގާފަތްތަކުގެ މީހުން ބަލައިގަންނަ ބައިނަލްއަގުވާމީ ފެންވަރުގެ ފަންނާނެއްކަން އިތުރަށް ހާމަވެގެންދެއެވެ.

ދެހާސްބާވީސް ވަނަ އަހަރު ޤަޠަރުގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި މި ހުނަރުވެރި ފަންނާނަކީ، ކެނެޑާގެ ބީއެމްއޯ ފީލްޑްގައި ބާއްވާ މި ބޮޑު މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބޮލީވުޑްގެ ފަރާތުން ފެނިގެންދާނެ ހަމައެކަނި ފަންނާނެވެ.

މި އަހަރުގެ ވޯލްޑް ކަޕްގެ ހާއްސަ އެއް ކަމަކީ، މުބާރާތް ބާއްވާ ތިން ޤައުމުގައި ވެސް ވަކިވަކި ހުޅުވުމުގެ ރަސްމިއްޔާތުތައް ބާއްވަން ނިންމި ނިންމުމެވެ. ޓޮރޮންޓޯގައި ނޯރާގެ އައިޓަމެއް ހުށަހަޅައިދޭއިރު، ލޮސް އެންޖެލިސްގެ ރަސްމިއްޔާތުގައި ކޭޓީ ޕެރީ އާއި ބްލެކްޕިންކްގެ ލީސާ ފެންނާނެއެވެ. އަދި މެކްސިކޯ ސިޓީގައި އޮންނަ ރަސްމިއްޔާތުގައި ޖޭ ބަލްވިން އާއި ޓައިލާގެ ހުށަހެޅުންތައް ފެންނާނެއެވެ.

ނޯރާ މި އަހަރުގެ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިޔާތަކުން ފެނުމަކީ ދެކުނު އޭޝިއާގެ ރައްޔިތުންނަށް، ހާއްސަކޮށް ޓޮރޮންޓޯގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ފަހުރެކެވެ. ވޯލްޑް ކަޕްގެ ސްޓޭޖަށް ދެވަނަ ފަހަރަށް އައުމަކީ ފަންނާނަކަށް ލިބޭނެ ވަރަށް މަދު ފުރުސަތެކެވެ. މިއީ މިއުޒިކާއި ނެށުމުގެ ދާއިރާގައި ނޯރާގެ ނަން މުޅި ދުނިޔޭގައި ބްރޭންޑެއްގެ ގޮތުގައި މަގުބޫލުވަމުންދާކަމުގެ ހެއްކެކެވެ.

ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެންނަ ނޯރާގެ އެންމެފަހުން ރިލީޒްވި ފިލްމަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "ކޭޑީ: ދަ ޑެވިލް"އެވެ.