މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޭނުންކުރާ ރިޒާވް މިހާރު ހުރީ އެންމެ ދެ އަދަދަށް ދަށްވެފައި ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ތުހުމަތުކުރައްވައިފިއެވެ.

އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ ދިވެހިރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ އިގްތިސޯދެއް ބިނާކުރައްވަން އުޅުއްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ކަމަށާއި އެކަން ކުރައްވާނީ ކިހިނެއްތޯ ސުވާލުއުފައްދަވައިފައެވެ.

ސަބަބަކީ ރާއްޖޭގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ހާލަތު އޮތް ގޮތް އެނގޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެގޮތުން ޔޫޒަބަލް ރިޒާވްގެ ގޮތުގައި އެމްއެމްއޭގައި ހުންނަ ރިޒާވް ވެސް މިހާރު އެހުރީ ގާތްގަނޑަކަށް ދެ އަދަދަށް ދަށްވެފައި ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.

އަދި ރާއްޖެއިން އަދާކުރަންޖެހޭ ދަރަނި މިފަހުން ސަރުކާރުން އަދާކުރި ގޮތާ ގުޅޭގޮތުން ވެސް ޔާމީން ވަނީ ސުވާލުއުފައްދަވައިފައެވެ. އެގޮތުން ރާއްޖެއަށް ލޯނެއް ދޭނެ ބޭރުގެ ފަރާތެއް ވެސް ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.

ޔާމީން އެފަދައިން ވިދާޅުވި އިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސުވޮޕް ފެސިލިޓީ ދައްކައި ވަނީ ހަލާސްކޮށްފައެވެ.

ޔޫޒަބަލް ރިޒާވްގެ ގޮތުގައި އެމްއެމްއޭގައި ހުންނަ ރިޒާވް ވެސް މިހާރު އެހުރީ ގާތްގަނޑަކަށް 2 ޑިޖިޓްސްއަށް ތިރިވެފައި. ދެން އަޅުގަނޑުމެން ދަރަނި އަދާކުރުމުގެ ކެޕޭސިޓީއަށް، ނުވަތަ ދަރަނި އަދާކުރި ގޮތަށް ބަލާނަމަ، މީގަ އެއްވެސް އިތުރު ބައެއް، ބައިނަލްއަގްވާމީ ލެންޑިން އިންސްޓިޓިއުޝަނެއ، އެކުވެރި ދައުލަތެއް ނެތް ރާއްޖެއަށް އިތުރަށް ލެންޑުކުރަން ބޭނުންވާ،ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ނެރުނު, އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް (އޭޑީއޯ) ރިޕޯޓުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މި އަހަރު ދިވެހިރާއްޖޭގެ އިގުތިސާދީ ދުވެލި ވަރަށް ބޮޑަށް ދަށްވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މިއަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނީ އެންމެ 1.0 އިންސައްތައިގައެވެ. މިއީ މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވާ 5.4 އިންސައްތައާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތާ މެދު ކަންބޮޑުވުން އޮތް މި ދަނޑިވަޅުގައި ދިވެހި ރުފިޔާގެ އަގު ދަށްވަމުންދިއުން ހުއްޓުވަން މަރުކަޒީ ބޭންކް އެމްއެމްއޭއިން ފެށި އޯޕަން މާކެޓް އޮޕަރޭޝަން (އޯއެމްއޯ)ގެ ދަށުން މިހާތަނަށް ތިން ބިލިއަން ރުފިޔާ ދައުރުވުން ހުއްޓުވާފައިވާ ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ވެސް ވަނީ ދައްކައިފައެވެ. ރުފިޔާގެ އަގު ވެއްޓި، ޑޮލަރެއްގެ އަގު ހުރީ ކަޅުބާޒާރުގައި 20 ރުފިޔާއިން މަތީގައެވެ. އެ އަގުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓިފައި ހުންނަތާ އަހަރެއްހާ ދުވަސްވެއްޖެއެވެ.