މަސްތުވާތަކެތީގެ މައްސަލައިގައި މިއަހަރުގެ މިހާތަނަށް 600 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

"އިންސްޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އިންފޯސްމަންޓް" އިފްތިތާހު ކުރަން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިޔާތުގައި ޖަމީލު ވިދާޅުވީ އަމާން ވެއްޓެއް ގާއިމު ކުރަން ފުލުހުން ކުރާ މަސައްކަތްތަކުގައި މި އަހަރުގެ ބޮޑެތި ކާމިޔާބީތަކެއް ހޯދުނު ކަމަށެވެ.

އެކި އޮޕަރޭޝަން ތަކުގައި މި މަހުގެ ނިޔަލަށް 14 ކިލޯއާއި 13 ދެމެދުގެ އަދަކަށް މަސްތުވާ މަސްތުވާތަކެތީގެ ބާވާތެއް ކަމަށްވާ "ހަޝިޝް" އާއި "ހެރޮއިން" އަތުލައިގެންފައިވާއިރު މަސްތުވާތަކެތީގެ މައްސަލައިގައި 677 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ޖަމީލް ވިދާޅުވީ ފެބްރުއަރީ 8 ގައި އައްޑޫ ސިޓީގެ އިމާރަތްތަކުގައި ހުޅުޖެހި މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް އޭގެ ތެރެއިން 409 މީހެއްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލަ ތަހްގީގު ކުރުމަށް ފަހު ޕީޖީއަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން 77 މީހުންގެ މައްސަލަ ކުރިމިނަލް ކޯޓަށް މިހާރު ފޮނުވާފައިވާއިރު އެ މައްސަލައިގައި ހިމެނޭ ދެ ކުއްޖެއްގެ މައްސަލަ ޖުވައިނަލް ކޯޓަށް ވަނީ ޕީޖީން ފޮނުވާފައިވެ އެވެ.

"އަމާން ވެއްޓެއް ހޯދައި ދިނުމަށް މިހާތަނަށް ފުލުހުން ހިންގި ތަފާތު ހަރަކާތްތަކުގެ ތެރޭގައި ބޮޑެތި ކާމިޔާބީ ތަކެއް ވެފައިވާކަން ފާހަގަ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުން މަސައްކަތް ކޮށްފައިވަނީ ދިމާވި އެކި ނުކުރައްކާތަކާއެކު ކަމަށާއި އެފަދަ އެކި ހަރަކާތްތަކުގައި ސީރިއަސް އަނިޔާތައް ލިބިގެން މި އަހަރުގެ ތެރޭގައި ހަ ފުލުހަކު ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާއިރު 40 ފުލުހަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.