05 Sep 2010, 07:17
ހަތަރު ލައްކައަށް ވުރެ ގިނަ ޑޮލަރު (5.4 މިލިޔަން ރުފިޔާ) ހޯދަން ތިން އަންހެނަކު، ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީނު އަލީގެ މައްޗަށް ދައުވާކޮށްފި އެވެ.
ވަކި ތިން ދައުވާއަކުން ތަސްމީންގެ މައްޗަށް ދައުވާ ކުރީ މއ. ބިންމަތީގޭ އައިޝަތު އާލިމާ އަލީ އާއި ދ. ކުޑަހުވަދޫ ފަޅޯގަސްދޮށުގޭ ތޯހިރާ ހުސައިން އާއި ބ. އޭދަފުށީ އަލިވާގޭ ޝަހީދާ ޒަކަރިއްޔާ އެވެ.
މަދަނީ ކޯޓުގައި މިއަދު ވަނީ މި ތިން ދައުވާގެ ޝަރީއަތްވެސް ފަށައިފަ އެވެ.
ތަސްމީނުގެ މައްޗަށް މަދަނީ ހައްގު ހޯދަން ދައުވާ އުފުލި ތިން އަންހެނުން ދައުވާ ކޮށްފައިވަނީ އެއިން ކޮންމެ މީހަކު 25 ޕަސެންޓް ހިއްސާވާ ވިކްޓޯރިޔަސް ޓްރެވެލް އެންޑް ޓްއާސްގެ ށ. ކަނބާލިފަރު ރިސޯޓު ތަސްމީނަށް ވިއްކާލުމުން ކުންފުނީގެ ކޮންމެ ޑައިރެކްޓަރަކަށް ވަކިވަކިން ތަސްމީނު ދެއްވަން ޖެހޭ ފައިސާގެ ތެރެއިން އެ ތިން އަންހެނުންނަށް ދޭން ޖެހޭ ފައިސާގެ ބޮޑުބައެއް ތަސްމީނު ދެއްވާފައި ނުވާ ކަމަށް ބުނެ، އެ ފައިސާ އެކީ އެއްފަހަރާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށެވެ.
ވަކިވަކި، ތިން ދައުވާގައި ވެސް ހިމަނާފައި ވަނީ އެއް ބައިތަކެކެވެ. ނަމަވެސް އޭގެ ތެރެއިން އައިޝަތު އާލިމާ ފިޔަވައި އަނެއް ދެމީހުން ދައުވާކޮށްފައި ވަނީ 150000 އެމެރިކާ ޑޮލަރު ނަގައި ދިނުމަށެވެ. އެއީ ތޯހިރާ އާއި ޝަހީދާ އެވެ. އާލިމާ ދައުވާ ކޮށްފައި ވަނީ 126،653.69 ޑޮލަރު އެއްފަހަރާ ނަގައި ދިނުމަށެވެ.
މައިގަނޑު ދައުވާއަކީ އެމީހުން ހިއްސާވާ ވިކްޓޯރިޔަސް ޓްރެވަލްސް އެންޑް ޓްއާސް އިން ހަރަދުކޮށްގެން މއ. އަނާވިލާ އަލީ ޝަރީފުގެ ނަމުގައި ބިޑްކޮށްގެން އެ ކުންފުނަޏަށް ލިބިފައިވާ ށ. ކަނބާލިފަރު ރިސޯޓު ވިއްކާލުމަށް ތަސްމީނާއި އަލީ ޝަރީފާ ދެމެދު އެގްރިމެންޓް ކުރުވައި ރަށް ވިއްކާލުމުން ކުންފުނީގެ ހަތަރު ޑިރެކްޓަރުނަށް ތަސްމީނު ދެއްވަން ޖެހޭ ފައިސާގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ފައިސާ ދެއްކެވުމަށް ފަހު މިހާތަނަށް ވެސް ފައިސާ ނުދައްކަވައި އޮތުމުން ވަކިވަކިން ތިން ޑައިރެކްޓަރުންނަށް ދައްކަވަން ޖެހޭ ކަމަށް އެ މީހުން ބުނާ ފައިސާ ހޯދުމެވެ.
މި މައްސަލައިގައި ތަސްމީންގެ ފަރާތްޕުޅުން ކޯޓަށް ވަޑައިގެންނެވި ވަކީލު އަހުމަދު ފާއިޒު މިއަދު ކޯޓުގައި ވިދާޅުވީ މި ދައުވާތަކަށް އިންކާރުކުރައްވާ ކަމަށާއި އެއީ ކުރެވޭނެ ދައުވާތަކެއް ނޫން ކަމަށެވެ.
ވިކްޓޯރިޔަސް ޓްރެވެލް އެންޑް ޓްއާސް އިން ށ. ކަނބާލިފަރު ތަސްމީނަށް ވިއްކާލީ 8.7 ލިއަން ޑޮލަށެވެ. އެ ކުންފުނީގެ ޑައިރެކްޓަރުން ގޮތުގައި ހިމެނޭ އަލީފާ އަހުމަދު އާއި ތަސްމީނުގެ މައްޗަށް ދައުވާ ކުރި ތިން އަންހެނުންނެވެ. ފައިސާ ހޯދުމަށް އަލީފާގެ ފަރާތުން ދައުވާކޮށްފައެއް ނުވެ އެވެ.