16 Sep 2012, 11:46
ރާއްޖޭގައި އެންމެ ދުވަސްވީ މަސްކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އިންޓަނޭޝަނަލް ޓްރޭޑަށް ނުވަތަ ބައިނަލްއަގްވާމީ މާކެޓްގައި މަސްވިއްކުމުގެ ވިޔަފާރި ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާފިއު ވިދާޅުވީ ރާއްޖޭގައި ބާނާ މަހަށް ބަރޯސާވެގެން އެ ކުންފުނީގެ ވިޔަފާރި ކުރިއަށްގެންދެވެން ނެތް ކަމަށާއި އެހެން ކަމުން ބޭރުގެ ގައުމުތަކުން މަސް ގަނެގެން ބޭރު ގައުމުތަކަށް މަސް ވިއްކަން އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސް ވެރިންގެ އަތުން މަސް ގަންނަ ގޮތަށް އަޅުގަނޑުމެން މި ގަންނަނީ ޕިލިޕީންސުން މަސް، އެއްގޮތަކަކީ އެތާނގައި ޕްރޮސެސް ކޮށްފަ، އެހެން ގައުމުގައި ހުންނަ ބަޔަރަށް [ގަންނަ ފަރާތަށް] ވިއްކާލުން، އަނެއް ގޮތަކީ އެތަނުން އެ މަސް ގެނެސް އެހެން ގައުމަކަށް ވިއްކާލުން،" ޝާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުން ގަންނަ މަސް ރާއްޖެ އެތެރެކޮށްގެން ވިއްކަން ނުވިސްނަވާ ކަމަށާއި އެ މަސް ވިއްކާނީ ބޭރުގެ ގައުމުތަކުން ގަނެގެން މިފްކޯގެ ނަމުގައި އެހެން ގައުމުތަކަށް ކަމަށެވެ.