ޒަމާނީ ތައުލީމާއި މުނިފޫހިފިލުވުމުގެ ފުރުސަތު ކުދިންނަށް ފަހިކޮށްދިނުމަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންގެ ހެދި ބޮޑުވުމަށް ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮންމެ އަހަރެއްގެ މޭ މަހުގެ 10ވަނަ ދުވަސް ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. އެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، އޮންލައިން ދުނިޔޭގައި ކުޑަކުދިންނަށް އައު ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

"ޒަމާނީ ތައުލީމާއި އަދި މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިކުރުމަށް އެ ކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިއާދަނުކުރެވޭ މިންވަރުގެ ބޮޑެތި ނުރައްކާތައް ދަނީ ކުރިމަތިވަމުންނެވެ،" ރައީސް ވިދާޅުވިއެވެ.

އެހެންވެ، މިފަދަ ކަންކަމުގައި ކުޑަކުދިންގެ ހައްގުގައި މުދައްރިސުންނާއި ބެލެނިވެރިން އައު ވިސްނުމަކުން ވިސްނަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުޑަކުދިން ހެދިބޮޑުވަމުން އަންނައިރު، އެ ކުދިންނަށް އޯގާތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވަނީ އާއިލާގެ ތެރެއިންނާއި ސްކޫލު މާހައުލުން ކުދިންނަށް ހިތްވަރުދީ، ރަނގަޅު މަގު ދައްކައިދިނުމަކީ ކޮންމެ ބޮޑު މީހެއްގެ ވާޖިބެއްކަން ފާހަގަކުރައްވައިފައެވެ.

"މިއަދުގެ ކުޑަކުދިންނަކީ، މާދަމާ ގައުމާ ހަވާލުވާނެ ޒުވާނުން ކަމުގައި ވީހިނދު، އެ ކުދިންނަކީ އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރިވެފައިވާ، އަޚުލާގު ރަނގަޅު ބަޔަކަށް ހެދުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރަނީ ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި ފެންވަރު ރަނގަޅު ތައުލީމެއް ކަށަވަރުކޮށްދިނުމަށް ކަމަށެވެ. އަދި، ދިވެހި ކޮންމެ ކުއްޖަކީ ސްކޫލު ސިސްޓަމްގެ ތެރެއިން ފުރުސަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން ކަށަވަރު ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުޑަކުދިންނަށް ކުރިމަތިވާ އެކި ބާވަތް ބާވަތުގެ ގޯނާތަކުން އެ ކުދިން ރައްކާތެރިކޮށް، ސަލާމަތްތެރި މާޙައުލެއް ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.