ސްޕެނިޝް ލީގުގައި ރޭ ގެޓަފޭ އަތުން 4-1 ލަނޑުން މޮޅުވެ ތާވަލްގެ އެއް ވަނާގައި ބާސެލޯނާ ހަމަޖެހިލިއިރު، ސެވިއްޔާ އަތުން 1- 0 އިން ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.

ރޭގެ މޮޅާއެކު ތާވަލްގެ އެއްވަނާގައި ބާސާ އޮތީ 12 ޕޮއިންޓާއެކު އެވެ. އަދި ރެއާލް އޮތީ ހަތަރު ޕޮއިންޓާއެކު 10 ވަނައިގައެވެ.

ރަށުން ބޭރުގައި ބާސެލޯނާއާ ގެޓަފޭއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ބާސާއިންނެވެ. އެލަނޑު މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފުލްބެކް އެޑްރިއާނޯ އެވެ. އެއް ލަނޑުގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ބާސާއިން ނިއްމާލި ކަމުގައި ވިޔަސް، ދެ ވަނަ ހާފުގައި ބާސާއަށް ލީޑް ފުޅާ ކޮށްދިން ލަނޑު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އެޓީމްގެ ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީ އެވެ. އަދި އޭގެ ތިން މިނެޓް ފަހުން ބާސާގެ ތިން ވަނަ ލަނޑު ވެސް މެސީ ކާމިޔާބު ކޮށްދިން އިރު، ބާސާގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޭވިޑް ވިޔާ އެވެ.

ރޭގެ މެޗުގައި ބާސާ ކޮޅަށް ގެޓަފޭއިން ޖެހި އެޓީމުގެ ހަމައެކަނި ލަނޑަކީ ބާސާގެ ހަވިއާ މަޝެރާނޯގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ރަށުން ބޭރުގައި ރޭ ރެއާލް، ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ސެވިއްޔާއިން ރެއާލްގެ މެޗަށް ކުރި ހޯދީ މެޗުގެ ދެ ވަނަ މިނެޓުގައި ޖަރުމަނުގެ ޕިއޮޓްރޭ ޓްރޮކޮވްސްކީ ކާމިޔާބު ކުރި ލަނޑުންނެވެ.