ސިފައިންނަށް ޚާއްސަކޮށް، ބޯހިޔާވަހިކަމުގެ ޒަމާނީ މަޝްރޫއެއް ބަނޑޭރިކޮށި ސަރަހައްދުގައި ކުރިއަށް އޮތް އަށް މަސް ދުވަހުގެތެރޭ ފަށްޓަވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސިފައިންނަށް 134 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިފައިންނާއި އެ މީހުންގެ އާއިލާތައް ދިރިއުޅެމުން އަންނަ ބަނޑޭރިކޮށި ސަރަހައްދަށް އެއްވެސް ސަރުކާރަކުން ތަރައްގީއެއް ނުގެނެސް، އެއް ގޮތަކަށް އޮންނަތާ ޒަމާންތަކެއް ވެއްޖެ ކަމަށެވެ.

ބަނޑޭރިކޮށި ސަރަހައްދުގެ ފެންވަރު ދަށް ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، މި ސަރުކާރުން އެކަން ބަދަލުކުރަން ނިންމައިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ބަނޑޭރިކޮށްޓަކީ ސިފައިންގެ ޚިދުމަތުގައި ސިފައިން ދެމިހުރިހާ ހިނދަކު، ކަނޑައެޅިފައި އޮންނަ ވަކި އުސޫލަކުން މިހާރުވެސް ސިފައިންނަށާއި އެ މީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ލިބޭ ތަނެއްގެ ގޮތުގައި، ރައީސް ފާހަގަކުރެއްވިއެވެ.

"އެހެންވީމާ މުޅި ބަނޑޭރިކޮށި ސަރަހައްދު އެއްކޮށް [އެ ތަނުގައި] ޒަމާނީ ހައުސިން ޕްރޮޖެކްޓެއް ހިންގައި، އެ ތަނުގައި އަޅުގަނޑުމެން މި އުންމީދުކުރަނީ މިހާރު ކުރެވޭ މަސައްކަތް އަމަލީ ސްޓޭޖަކަށް މި އަހަރުތެރޭ ގެންދެވޭނެ ކަމަށް..." ރައީސް ވިދާޅުވިއެވެ.

ނުވަތަ އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅަށް ދާއިރު، އަމަލީގޮތުން ބޮޑު ހައުސިން މަޝްރޫއެއް ސިފައިންނަށް ބަނޑޭރިކޮށި ހުންނަ ސަރަހައްދުގައި ފަށްޓަވާނެ ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު، ރައީސް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ސިފައިންނަށް ދޫކޮށްފައި އޮންނަ ކޯޓާވެސް އިތުރުކުރުމަށް ސަރުކާރުން ގަސްދުކުރާ ކަމަށެވެ.

ބަނޑޭރި ކޮށީގައި ދިރިއުޅެނީ ސިފައިންގެ ޚިދުމަތުގައި އުޅޭ ބައެއް މީހުންނާއި އެ މީހުންގެ އާއިލާތަކުންނެވެ.