16 Sep 2012, 11:22
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވިގަން އަތުން 4-0 ލަނޑުން މޮޅުވެ، ލީގް ތާވަލްގެ ދެ ވަނައަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފި އެވެ.
ރޭގެ މެޗުގައި ވިގަން ކޮޅަށް ޔުނައިޓެޑުން ޖެހި އެޓީމްގެ ހަތަރު ލަނޑު ވެސް ޖަހާ ފައި ވަނީ މެޗުގެ ދެ ވަނަ ހާފުގައެވެ.
ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު އެޓީމަށް މެޗުގެ 51 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އުމުރުން 38 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ޕައުލް ސްކޫލަސްއެވެ. ޔުނައިޓެޑްގެ ލީޑް ފުޅާ ކޮށްދިން ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވާޑް ޒާވިއާ ހެނޭންޑޭޒްއެވެ. އަދި ވިގަން ކޮޅަށް ޔުނައިޓެޑުން ޖެހި އެޓީމްގެ ތިން ވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި އެޓީމަށް ޑަޗްގެ ފޯވާޑް އެލެކްސްއެންޑާ ބުޓާނާ ކާމިޔާބު ކޮށްދިންއިރު، ފަހު ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިނގިރޭސި ފޯވާޑް ނިކް ޕޮވެލްއެވެ.
ޔުނައިޓެޑުން ރޭ ހޯދި ކާމިޔާބީއާކު އެޓީމް ވަނީ ލީގުގެ އެއްވަނާގައި މިވަގުތު އޮތް ޗެލްސީއާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. އެގޮތުން ލީގުގެ އެއް ވަނާގައި 10 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު، ދެ ވަނައިގައި ޔުނައިޓެޑް އޮތީ ނުވަ ޕޮއިންޓާއެކު އެވެ.
ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗް އެލެކްސް ފާގަސަން ބުނީ، ވިގަންއާ ދެކޮޅަށް ޓީމް ރޭ ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށާއި އަދި މެޗުގެ ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި ޓީމުގެ ކުޅުން މާ ފުރިހަމަ ކަމަށެވެ.
"ފުރަތަމަ ހާފުގައި ވެސް ލީޑް ނަގާނެ ގިނަ ފުރުޞަތު ތަކެއް ލިބުނު. އަނިޔާގެ ސަބަބުން ޓީމުގެ މުހިންމު ކުޅުންތެރިން ނުލައި ކުޅުނު މިމެޗުން ހީދި ކާމިޔާބީއާ މެދު ވަރަށް ހިތްހަމަޖެހޭ" ފާގަޝަން ބުންޏެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު، ނޮވެޗް އާއި ވެސްޓްހާމް ކުޅުނު މެޗް ނިމުނީ ދެޓީމް ކުރެ އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. އަދި އާސެނަލް ވަނީ ސައުތުފޯޓަންއާ ދެކޮލަށް ކުޅެ 6-1 ލަނޑުން މެޗް ކާމިޔާބު ކޮށްފައެވެ. ސްވަންސޭ އަތުން 2-0 ލަނޑުން އެސްޓަން ވިލާ މޮޅުވިއިރު، ވެސްޓްބުރޯމް ވަނީ ފުލަމް އަތުން 3-0 ލަނޑުން ބަލިވެފައެވެ، އަދި ކިއުޕީއާރާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ލިވަޕޫލާ ދެކޮޅަށް ސަންޑްލޭން ކުޅުނު މެޗް ވެސް ނިމުނީ 1-1 ލަނޑުން ދެޓީމް އެއް ވަރުވެގެންނެވެ. އަދި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ސްޓޯކް ސިޓީ ކުޅުނު މެޗު ވެސް ނިމުނީ 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.