ރިޓަޔަމަންޓް ގަވައިދު އިސްލާހުކޮށް، ސިފައިން ޚިދުމަތްކުރި އަހަރަށް ބަލައި، ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި ލިބޭ އަދަދު ހަދަން ބަދަލުކުރަން ހުށަހަޅުއްވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސިފައިންނަށް 134 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިފައިންގެ ރިޓަޔަމަންޓް ގަވައިދަށް އިސްލާހު ގެނައުމަށް ގަސްދުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ޚިދުމަތުގައި 30 އަހަރު އުޅުމަށްފަހު، ނުވަތަ 35 އަހަރު އުޅުމަށްފަހު ޚިދުމަތުން ރިޓަޔާކުރުމުން ސިފައިންނަށް ލިބެނީ އެއް އަދަދު ކަމަށެވެ.

"އެހެންވީމާ ސިފައިންގެ ރިޓަޔަމަންޓް ގަވައިދު، މި ދެންނެވި ގޮތަށް، ޚިދުމަތްކުރި އަހަރުގެ ނިސްބަތުން އެ ލިބޭ ބެނެފިޓް ކަނޑައަޅާ ގޮތަށް އިރާދަކުރެއްވިއްޔާ ގަވައިދު އިސްލާޙުކުރަން ވެސް ގަސްދުކުރަން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ، ސިފައިންގެ އާއިލާތައް ދިރިއުޅޭ ސަރަހައްދަށް ބަލައި، އެ ސަރަހައްދެއްގެ އޭރިއާ ކޮމާންޑުގައި ސިފައިންނަށް ދާއިމަށް ޚިދުމަތްކުރެވޭ ގޮތަށް ބަދަލުކުރަން ގަސްދުކުރައްވާ ކަމަށެވެ.

"އޭރުން އާއިލާތަކާ ކައިރިން ގައުމަށް ޚިދުމަތްކުރުމުގެ ފަހި ފުރުސަތު ލިބިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު، ސިފައިންގެ ފައުޖު ވަރުގަދަކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސިފައިންގެ ޚިދުމަތަށް ޒުވާނުން އިތުރުކުރުމަށް ބަޖެޓު ވެސް ސަރުކާރުން ހަމަޖައްސައިފައިވާނެ ކަމަށެވެ.

އޭގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ރައީސް ގަބޫލުކުރައްވައެވެ.

އެއަށްފަހު ރައީސް ވިދާޅުވީ، އިޚުލާސްތެރިކަމާއެކު ޚިދުމަތްކުރާ ސިފައިންނަށް ގިނަ ދުވަހު ޚިދުމަތުގައި ދެމިހުރެވޭނެ ގޮތް ހަދަން ގަސްދުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވިގޮތުގައި ސިފައިންގެ ޚިދުމަތުގައި އެއް ރޭންކެއްގައި ވަކި ވަރަކަށް ހުރެއްޖެނަމަ، ސިފައިން ޚިދުމަތާ ދުރަށް ދާން މަޖުބޫރުވެއެވެ.

އެއީ އެންމެ އަދުލުވެރި، އަދި އިންސާފުވެރި ގޮތެއްނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެފަދަ އިތުރު ކަންކަން ސަރުކާރުން ބަދަލުކުރާނެ ކަމަށް، ރައީސް ވިދާޅުވިއެވެ.