ރެޑްބުލް ސްޓްރީޓް ސްޓައިލް ވޯލްޑް ކަޕުގައި ރާއްޖެއިން ވާދަކުރާ މުހައްމަދު ސައިފް (ސުޕަމޭން) މިމަހު 17 ވަނަ ދުވަހު އިޓަލީއަށް ފުރުމަށް ހަމަޖެހިއްޖެ އެވެ.

މިމަހުގެ 20 އިން 22 އަށް އިޓަލީގެ ލެއްޗޭގައި ބާއްވާ މިމުބާރާތުގައި 80 އަށް ވުރެ ގިނަ ގައުމު ވާދަކުރެއެވެ.

ރާއްޖޭގައި ބޭއްވި ރެޑް ބުލް ސްޓްރީޓް ސްޓައިލް މުބާރާތް 2010 ވަނަ އަހަރު ކާމިޔާބުކޮށް، ސައިފް ވަނީ އެ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކޮށްފަ އެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ސައިފް ހޮވިފައި ވަނީ މިއަހަރުގެ ޖުލައި މަހު ރާއްޖޭގައި ބޭއްވި ރެޑްބުލް ސްޓްރީޓް ސްޓައިލްގެ ފައިނަލް ޝޯގައި ޔޫސުފް ރަމީޒް (ޔޫއްޓޭ) އާއި ވާދަކޮށް އެންމެ ޕޮއިންޓަކުން ކުރި ހޯދައިގެންނެވެ.

ފައިނަލުގައި ސައިފްއާ ދެކޮޅަށް ވާދަކުރި ޔޫއްޓޭއަކީ އެންމެ ފަހުން ބޭއްވި މުބާރާތުގައި ވެސް ސައިފްއާ ދެކޮޅަށް ފައިނަލުގައި ވާދަކުރި ކުޅުންތެރިޔާއެވެ. އެގޮތުން މިފަހަރު ރާއްޖޭގައި ބޭއްވި މުބާރާތުން ސައިފްއަށް 24 ޕޮއިންޓް ލިބުނުއިރު، ދެ ވަނަ ހޯދި ޔޫއްޓޭއަށް ލިބުނީ 23 ޕޮއިންޓެވެ.