އިންޑިއާ އާއި ރާއްޖޭގައި ވެސް ވެރިކަން ބަދަލުވާނެ ކަމަށާއި އެކަމުން ދެ ގައުމުގެ ދެމެދުގައި އޮންނަ ރަހުމަތްތެރިކަމާއި އެހީތެރިކަމަށް ބަދަލެއް ނާންނާނެ ކަމަށް ޑިފެންސް މިނިސްޓާ ކާނަލް ރިޓަޔާޑް މުހަންމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިޔާ ސަރުކާރުގެ އެހީގައި ހުޅުވި، "ސެނެހިޔާ" މިލިޓަރީ ހޮސްޕިޓަލް ހުޅުވުމަށް ހެންވޭރު ކޮޅުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓާ ނާޒިމް ވިދާޅުވީ ވެރިކަން ބަދަލުވީ ނަމަވެސް ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރުލެއް ނާރާނޭ ކަމަށާއި އެ ގުޅުން އިތުރަށް ބަދަހިވެ ފުޅާވެގެންދާނެ ކަމަށެވެ.

"އިންޑިއާގައިވެސް އަދި ރާއްޖޭގައި ވެސް ވެރިކަން ބަދަލުވާނެ، ނަމަވެސް ދެ ގައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުން އެގޮތުގައި ބާއްވަން ޖެހޭ، އެ ގުޅުން އިތުރަށް ބަދަހިވެ ފުޅާވާން ޖެހޭ، ކުރިއަށް މިއޮތް ވަގުތުތަކުގައި މިނިސްޓާ އެންތޮނީ އާއި އަޅުގަނޑުގެ ދެމެދު ރަސްމީ ވާހަކަތަކުގައި އިށީންނާނަން،" މިނިސްޓާ ވިދާޅުވި އެވެ.

މިނިސްޓާ ވަނީ އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަންކަމުގައި ރާއްޖެއިން އަބަދުވެސް އިންޑިއާއަށް އެއްބާރުލުން ދޭނެ ކަމަށާއި މި ސަރަހައްދުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އިންޑިޔާއާ އެކު ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"ޓެރަރިޒަމްގެ އެކި އަމަލުތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ދެ ގައުމަށް ކުރިމަތިވެފައިވާ ނުރައްކާތައް ނައްތާލުމުގައި އިންޑިއާއަށް ރާއްޖޭން އެއްބާރުލުން ދޭނެ،" ކަމަށެވެ.

ސެނެހިޔާ މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވީ މިހާރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވައި އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތޮނީ އެވެ. ނާޒިމް ވިދާޅުވީ އިންޑިއާޔާއި ރާއްޖޭގެ ގުޅުން ރަމްޒްކޮށްދެނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ހަދާ އިމާރާތްތައް ނޫން ކަމަށާއި ދެ ގައުމުގެ ދެމެދުގައިވާ ތަފާތުތަކާއެކު ވެސް އެއް ގައުމު އަނެއް ގައުމުގެ އިސްތިގުލާލާއި މިނިވަންކަމަށް ކުރާ އިހުތިރާމު ކަމަށެވެ. އޭނާ އަދި ވިދާޅުވީ ރާއްޖެއާ އިންޑިއާޔާ ދެމެދު ގިނަ ކަންތައްތަކުގައި ހިޔާލު އެއްގޮތް ކަމަށާއި އިންޑިއާ ދުނިޔޭގެ ބާރެއްގެ ގޮތުގައި ކުރިއަރަމުން އަންނަ އައުމަށް ރާއްޖޭން ތާއީދު ކުރާ ކަމަށެވެ.

"ދުނިޔޭގެ ފެންވަރާއި ސަރަހައްދީ ފެންވަރުގެ ގިނަ ކަންކަމުގައި ދެ ގައުމު ގަބޫލުކުރާ ގޮތް އެއްގޮތްވޭ، ކަނޑުގެ ސަލާމަތީ މައްސަލަތަކުން ފެށިގެން ގޮސް އދ ގެ ސަލާމަތީ މަޖިލިސް އަލުން އެކުލަވާލުމުގެ މައްސަލައިގައިވެސް، އިންޑިއާގެ އަސްކަރީ، ސިޔާސީ އަދި އިގްތިސޯދީ ބާރަކީ މި ސަރަހައްދުގެ ހަމަޖެހުމަށް އޮތް ސަބަބެއް،" މިނިސްޓާ ވިދާޅުވި އެވެ.

މިއަދު ހުޅުވުނު މިލިޓަރީ ހޮސްޕިޓަލްގެ މައްޗަށް އަލިއަޅުވާލައްވައި ނާޒިމް ވިދާޅުވީ އެ ހޮސްޕިޓަލަކީ ރާއްޖޭގެ ފެންވަރުގައި އެންމެ ރަނގަޅު ހިދުމަތެށް ފޯރުކޮށްދޭ ހޮސްޕިޓަލަށް ވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ހޮސްޕިޓަލަކީ އާންމުންނަށްވެސް ހިދުމަތްދޭނެ ހޮސްޕިޓަލަކަށް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އެ ހޮސްޕިޓަލުގެ މި ވަގުތު ހިދުމަތް ދޭނީ ސިފައިންނާއި ފުލުހުންނާއި އަދި އެމީހުންގެ އާއިލާތަކަށެވެ.
ރަސްމިއްޔާތުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތޮނީ ވިދާޅުވީ އެ ހޮސްޕިޓަލް އިތުރަށް ފުޅާކުރުމުގައި އިންޑިއާގެ އަޝްކަރިއްޔާގެ އެހީތެރިކަން ދޭނޭ ކަމަށާއި އެ ހޮސްޕިޓަލުން ހިދުމަތް ދިނުމުގައި އިންޑިއާގެ އަޝްކަރިއްޔާގެ މެޑިކަލް އޮފިސަރުން ދިވެހި ސިފައިންނާ އެކު ހަރަކާތްތެރިވަމުންދާނޭ ކަމަށެވެ.

ޑިފެންސް މިނިސްޓަރު ނާޒިމްގެ ދައުވަތަކަށް އެންތަނީ ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އެހީގައި ޅ. މާފިލާފުށީގައި އަޅައި އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސްކޫލްގެ ބިންގާ އަޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ އަރިހަށްވެސް އެންތަނީ އިހުތިރާމުގެ ޒިޔާރަތެއްވެސް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.