ޗާގޯސް މައްސަލައިގައި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން އިއުތިރާޒު ކުރާތީ ރާއްޖެއާ ގުޅުން ކަނޑާލުމަށްފަހު، އެ ގައުމުން އަލުން ދިވެހި ސަރުކާރާ މަޝްވަރާކުރަން ތައްޔާރުވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މޮރިޝަސްއިން ރާއްޖެއާ ގުޅުން ކަނޑާލިކަން އިއުލާންކުރީ މިދިޔަ ފެބްރުވަރީ މަހުގެ 27ގައެވެ.

މޮރިޝަސްއިން އެގޮތަށް ނިންމީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި، ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ވާހަކަދެއްކެވި ފަހުންނެވެ. އެގޮތުން ޗާގޯސްއާ ރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން އެތައް ގޮތަކުން ކަށަވަރުވާތީ، އެ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހިރާއްޖޭން އިއުތިރާޒުކޮށް އިނގިރޭސި ސަރުކާރަށް ލިޔުމުން އަންގައިފައިވާ ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.

މި ސަރަހައްދުގެ ގައުމުތަކުން ބައިވެރިވާ، އިންޑިއަން އޯޝެން ޑަޔަލޮގްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގެން ނަޝީދު މިއަދު ވިދާޅުވީ، އެ ދަތުރުފުޅުގައި މޮރިޝަސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާ ވާހަކަ ދައްކައި ދެ ގައުމަށް ސުލްހަވެރި ގޮތެއްގައި ކަންތައްތައް ނިންމޭނެ ގޮތެއް ހޯދަން ވަރަށް ބޮޑަށް އެދިވަޑައިގަތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދެން އެއްވެސް ހާލެއްގައި އަވަށްޓެރި ގައުމުތަކާ ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅު ކަމެއް ނޫން. އެ ބޭފުޅުން ތިއްބެވީ ތައްޔާރަށް. އަޅުގަނޑު އުއްމީދު ކުރަން ރާއްޖޭގެ ފޮރިން އެފެއާޒުން ވެސް، ސަރުކާރު މޮރިޝަސް ސަރުކާރާ މި ފުރުސަތުގެ ބޭނުންކޮށް ކުރިއަށް ދާނެ ކަމަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ދެބަސްވުންތައް އޮންނަތާ އަހަރުތަކެއް ފަހުން، މިދިޔަ އަހަރު އިނގިރޭސިވިލާތުން ވަނީ ޗާގޯސް، މޮރިޝަސްއަށް ދިނުމަށް ނިންމައިފައެވެ. އެ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް، ފަހުން ވަނީ އެއްބަސްވުން ތަންފީޒު ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.

އެހެންނަމަވެސް، އެމެރިކާއިން އަނެއްކާވެސް ތާއިދު އަނބުރާ ގެންދިޔުމުން، އިނގިރޭސިވިލާތުން ވަނީ އެއްބަސްވުމަށް އަމަލުކުރުން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފައެވެ.

ރާއްޖޭން ޗާގޯސް ހޯދުމަށް ވަކާލާތު ކުރަމުން އަންނައިރު، އެ ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްގެ ގޮތުގައި އިނގިރޭސިވިލާތުން ވަނީ ސިފަކޮށްފައެވެ.