ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ރާމިޒް މިއަދު އަވަހާރަވެއްޖެއެވެ.

ރާމިޒް އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރެވެ.

ރާމިޒްގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި މައްޔިތާއަށް ޒިޔާރަތްކުރުން މިއަދުގެ 11:00 އިން ފެށީގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ.

ރާމިޒް އަވަހާރަވުމުން، ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސްގެ ތައުޒިޔާ މެސެޖުގައިވަނީ ރާމިޒު، މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވައި، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގައުމަށް ޚިދުމަތް ކުރައްވާފައިވާކަން ފާހަގަކުރައްވައިފައެވެ.

މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެ މަނިކުފާނު ވަނީ ދުއާދަންނަވާފައެވެ.

ރާމިޒް މަޖީދިއްޔާ ސްކޫލުގައި ތައުލީމު ހާސިލުކުރެއްވި ދުވަސްވަރު، އޭނާގެ ޖިމްނާސްޓިކްސް ހުނަރަށް ފާހަގަކޮށްލެވުނެވެ. އަދި ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމަށް ފަހު، ގާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގައި ގއ. އަތޮޅު މެންބަރުކަން ކުރެއްވިއެވެ.