16 Sep 2012, 10:49
ތިން އަހަރުގެ މެދު ކެނޑުމަކަށްފަހު ޒުވާނުންގެ އެވޯޑް ދީފި އެވެ.
ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވޯޑް ހާސިލްކުރި ޒުވާނުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ޒުވާނުންގެ އެވޯޑަކީ ރާއްޖޭގެ ތަރައްގީއަށް ޒުވާނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި ޒުވާނުންނަކީ މުޖުތަމައަށް ބޭނުންތެރި ރަނގަޅު ސިފަތަކެއް ލިބިފައިވާ ބަޔަކަށް ހެދުމަށް ދޭ އެވޯޑެކެވެ.
މިފަހަރު ޒުވާނުންގެ އެވޯޑް 10 ފަރާތަކުން ހާސިލްކޮށްފައިވާއިރު 2000 ވަނަ އަހަރުން ފެށިގެން ސަރުކާރުންދޭ ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ އިނާމްވަނީ އެއް ފަރާތަކުން ހާސިލްކޮށްފަ އެވެ.
މިފަހަރު ޒުވާނުންގެ އެވޯޑް ހާސިލްކޮށްފައިވާ ފަރާތްތަކަކީ އިޖްތިމާއީ ދާއިރާއިން މ. ނޫރާނީގެ ޒެނީޝާ ޝަހީދު ޒަކީ އާއި ކޮރިއޮގްރަފީގެ ދާއިރާއިން މަޝްހޫރު ނެށުން ތެރިޔާ ގއ. ދާންދޫ ގުލްބަހާރުގެ ރަވީ ފާރޫގް އެވެ.
ކުޅިވަރުގެ ރޮނގުން ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކެޕްޓަން ނ. މާފަރު، ވާދީ އައްސަދު އަބުދުލްޢަނީ، ހާސިލު ކުރިއިރު މަޝްހޫރު ބެޑްމިން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު އާއި ރާއްޖޭގެ އެއް ނަމްބަރު ޓޭބަލް ޓެނިސް ކުޅުން ތެރިޔާ ހ. މިސްޓީ ނައިޓް މުޢީނާ މުހައްމަދު ވެސް އެ އެވޯޑް ހަސިލްކުރި އެވެ.
މިއުޒިކީ ދާއިރާއިން އެ އެވޯޑް ހާސިލްކޮށްފައިވަނީ ބައިނަލް އަޤްވާމީ އެތައް ޝޯ ތަކެއް ކުޅެފައިވާ ނޮތްނެގަލް މިއުޒިކް ބޭންޑް އެވެ. އަދި ޖަމިއްޔާތަކުގެ ތެރެއިން އެ އެވޯޑް ހާސިލްކޮށްފައިވަނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އެވެ.
އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ މަތިވެރި ރޫހުގައި ތިމާގެ ޖާނާއި މުދަލުން ހޭދަކޮށްފައިވާތީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ އިނާމް ދީފައި ވަނީ ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް މާލެ އަތޮޅު ކާށިދޫގައި ގަޔަށް ވަޅި ހަރައި މަރާލި ޕޮލިސް ޝަހީދު ސާޖަންޓް އާދަމް ހަލީމެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވީ މަތީ ތައުލީމް ހަސިލްކުރުމުގެ ފުރުސަތު ޒުވާނުންނަށް ދިނުމުގެ ގޮތުން މިއަދު 1500 ސްކޮލާޝިޕް އިއުލާން ކުރާނެ ކަމަށެވެ.
"މާދަމާ [މިއަދު] އަޅުގަނޑުމެން އިޢުލާން ކުރާނަން ސްކޮލާޝިޕް ޕްރޮގްރާމްތަކެއް. މިދެންނެވި ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ، ޒަކާތުގެ ފައިސާއިން ފައިނޭންސްކުރާ 489 ސްކޮލާޝިޕާއި އަދި ސަރުކާރުގެ ބަޖެޓުން އެހީތެރިވެދޭ ރިވޯލްވިން ލޯން ސްކީމެއްގެ ދަށުން 1000 ކުދިންނަށް މަތީ ތަޢުލީމް ޙާޞިލް ކުރެވޭނެ ފުރުޞަތު ހުޅުވާލުން. އެހެންވީމާ، ގާތްގަނޑަކަށް 1500 ކުދިންނަށް އިރާދަކުރެއްވިއްޔާ، މަތީ ތަޢުލީމަށް ދިނުމަށްޓަކައި އެހީ ލިބޭނެ ފުރްޞަތު، އެއީ ގްރާންޓްގެ ގޮތުގައި ނަމަވެސް، ލޯނުގެ ގޮތުގައި ނަމަވެސް އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ފަރާތުން މިހާރު މި ހުޅުވާލެވެނީ." ރައީސް ވިދާޅުވި އެވެ.
ރައީސް ގެ ވާހަކަ ފުޅުގައި ވަނީ ސަރުކާރުގެ ވުޒާރާތަކުން ރާއްވަމުން ގެންދާ ކަންކަން ރޭވުމުގައި ޒުވާނުންގެ ޚިޔާލު ހޯއްދައި ޕްރޮގްރާމްތައް ބައްޓަން ކުރަން ވަޒީރުންނަށް އިލްތިމާސް ކުރެއްވި އެވެ.
ޒުވާނުންގެ އެވޯޑަކީ ޒުވާނުންގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެގޮތުން 1999 އަހަރުން ފެށިގެން ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ސަރުކާރުން ދެމުންގެންދާ އެވޯޑެކެވެ. އެ އެވޯޑް މިފަހަރު ދީފައިވަނީ ތިން އަހަރު ގެ މެދުކެނޑުމަކަށްފަހު އެވެ.