ކުއްޖަކު ހޯދުމަށް 12 އަހަރު މަސައްކަތް ކުރި އިތިއޮޕިއާ މީހަކަށް އެއްމާބަނޑު ފަސް ކުދިން ލިބިއްޖެ
ކުއްޖަކު ހޯދުމަށް 12 އަހަރު މަސައްކަތް ކުރި އިތިއޮޕިއާ މީހަކަށް އެއްމާބަނޑު ފަސް ކުދިން ލިބިއްޖެ

އިތިއޮޕިއާގެ ހަރާރީ ރީޖަނަލް ސްޓޭޓްގައި 12 އަހަރު ވަންދެން ދަރިއަކު ހޯދުމަށް މަސައްކަތް ކުރި އަންހެނަކަށް އެއްމާބަނޑު ފަސް ކުދިން ލިބިއްޖެއެވެ.

އެއްފަހަރާ ފަސް ކުދިން ލިބުމުން އޭނާއާއި ފިރިމީހާ ތިބީ ވަރަށް އުފަލުން ކަމަށް ބަދްރިޔާ އާދަމް ކިޔާ އެ އަންހެމީހާ ބުންޏެވެ.

އުމުރުން 35 އަހަރުގެ ބަދްރިޔާ ވިހެއީ ހަތަރު ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ކަމަށާއި އެ ހުރިހާ ކުދިންގެ ފުރިހަމަ ސިއްހަތެއްގައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

"އަހަރެންގެ އުފާވެރިކަން ބަސްތަކުން ހާމަ ނުކުރެވޭނެ." ދުއާ އިޖާބަ ކުރެވެންދެން ޑިޕްރެޝަން އާއި ވޭނުގައި އުޅުނު ހަނދާން އާކުރަމުން ބަދްރިޔާ ބުންޏެވެ.

އެކުދިންގެ ނަންތަކަކީ ނާއިފް، އައްމާރު، މުންޒީރު، ނަޒީރާ، އަދި އަންސާރެވެ.

ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރު ޑރ މުހައްމަދު ނޫރު އަބްދުﷲއާ ހަވާލާދީ ބީބީސީ ބުނީ މަންމަ އާއި ތުއްތު ކުދިން ތިބީ ހޮސްޕިޓަލުގައި މެޑިކަލް ކެއާގައި ކަމަށާއި އެ ކުދިންގެ ބަރުދަނުގައި 1.3 އާއި 1.4 ކިލޯ (3 ޕައުންޑް) އާއި ދެމެދުގެ އަދަދެއް ހުރި ކަމަށެވެ.

އެއްމާަބަނޑު ފަސް ކުދިން ލިބުނު ބަދްރިޔާ އާދަމް، އޭނާ އަށް ފަސް ކުދިން ލިބުނީ ކުއްޖަކު ހޯދަން މަސައްކަތްކުރާތާ 12 އަހަރު ފަހުން. ފޮޓޯ/ބީބީސީ

އަދި އަލަށް އުފަންވާ ކުދިންގެ ބަރުދަނުގައި ކިލޯއަކަށް ވުރެ ބަރު ކުދިން ދިރިހުރުމުގެ ފުރުސަތު ބޮޑު ކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ބޮޑުވުމުގެ ފުރުސަތު ބޮޑު ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

ޑޮކްޓަރު ބީބީސީއަށް ބުނީ ބަދްރިޔާ ބަލިވެ އިނީ ގުދުރަތީ ގޮތުން ކަމަށާއި، ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ އެހީގައި ނޫން ކަމަށެވެ.

"މާބަނޑު ދުވަސްވަރު ގަވާއިދުން ސިއްހީ ފަރުވާ ލިބި، އެއް ކުއްޖަކަށް ވުރެ ގިނައިން ބަލިވެއިންކަން ބަދްރިޔާއަށް އެންގިން. ވިހެއުމާ ހަމައަށްވެސް ފުރިހަމަ އަދި އެކަށީގެންވާ ސިއްހީ އެހީތެރިކަމެއް ލިބިފައިވޭ." އަބްދުﷲ ވިދާޅުވިއެވެ.

ބަދްރިޔާ ބުނިގޮތުގައި އޭނާއަށް ހޮސްޕިޓަލުން ފުރަތަމަ އެންގީ ހަތަރު ކުދިންނަށް ބަލިވެއިން ކަމެވެ. ނަމަވެސް ވިހޭއިރު އިތުރު ކުއްޖަކުވެސް އޮތް ކަމަށެވެ.

"އަހަރެން ދުއާކުރީ އެންމެ ކުއްޖަކަށް. الله އަހަންނަށް ފަސް ދަރިން ދެއްވީ." ބަދްރިޔާ ބުންޏެވެ.

ނަމަވެސް އޭނާއަކީ ދިރިއުޅުމަށް ދަނޑުވެރިކަން ކުރާ މީހެއް ކަމަށާއި ކުދިންނަށް ބޭނުންވާނެ ކަންކަން ފޯރުކޮށްދޭނެ ގޮތެއް ޔަގީން ނުވާ ކަމަށް ބަދްރިޔާ ބުންޏެވެ.