ދުނިޔޭގެ ފުޓްސަލް ރޭންކިންގެ އެއްވަނަ މިފަހަރު ވެސް ބްރެޒިލްގެ ފިރިހެން އަދި އަންހެން ޓީމަށް
ދުނިޔޭގެ ފުޓްސަލް ރޭންކިންގެ އެއްވަނަ މިފަހަރު ވެސް ބްރެޒިލްގެ ފިރިހެން އަދި އަންހެން ޓީމަށް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އެންމެ ފަހުން އާންމުކުރި ފުޓްސަލް ރޭންކިންގައި، ފިރިހެން އަދި އަންހެން ބައިގެ އެއްވަނަ މަގާމު ބްރެޒިލުން ދަމަހައްޓައިފިއެވެ.

ދުނިޔޭގެ ފުޓްސަލް ރޭންކިންގެ އެއްވަނަ މިފަހަރު ވެސް ބްރެޒިލްގެ ފިރިހެން އަދި އަންހެން ޓީމަށް
ދުނިޔޭގެ ފުޓްސަލް ރޭންކިންގެ އެއްވަނަ މިފަހަރު ވެސް ބްރެޒިލްގެ ފިރިހެން އަދި އަންހެން ޓީމަށް

މި އަހަރުގެ މެއި މަހުގެ މި ރޭންކިން އާންމުކުރިއިރު، ދުނިޔޭގެ ފުޓްސަލް ކުރިއަރަމުންދާ މިންވަރު ހާމަވެގެންދަނީ އަލަށް ފަސް ގައުމެއް ރޭންކިންގައި ހިމެނިފައިވާތީއެވެ.

ދުނިޔޭގެ ފުޓްސަލް ރޭންކިންގެ އަންހެން ގަދަ 10 ގައުމު -- ފޮޓޯ/ ފީފާ

އަންހެން ފުޓްސަލް ރޭންކިންގެ ގަދަ ހަ މަގާމަށް ބަދަލެއް އައިސްފައިނުވާއިރު، ބްރެޒިލްގެ ފަހަތުން ތަރުތީބުން އޮތީ ސްޕެއިން، ޕޯޗުގަލް، އާޖެންޓީނާ، އިޓަލީ އަދި ޖަޕާނެވެ. މިފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ 15 ދަރަޖަ ކުރިއަށް ޖެހިލި ފްރާންސެވެ.

މިފަހަރުގެ ރޭންކިންގައި އަލަށް ހިމެނުނު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ރޭންކިންގައި ހިމެނުނީ 96 ވަނައިގައެވެ. ރާއްޖޭގެ އިތުރުން ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި އޭޝިއާގެ އެހެން ބައެއް ގައުމުތައް ވެސް ވަނީ އަލަށް މި ލިސްޓަށް އިތުރުވެފައެވެ.

ފިރިހެން ބައިގެ އެއްވަނައިގައި ބްރެޒިލް އޮތީ ކޮންމެބޯލް ކޮޕާ އެމެރިކާ ފުޓްސަލް މުބާރާތް 12 ވަނަ ފަހަރަށް ކާމިޔާބު ކުރުމަށްފަހުއެވެ. ރޭންކިންގެ ދެވަނައިގައި ޕޯޗުގަލް އޮތްއިރު، ތިންވަނައިގައި އޮތީ ޔޫރަޕްގެ އާ ޗެމްޕިއަން ސްޕެއިންއެވެ.

އޭޝިއާގެ ގަދަ ބާރު އީރާން ފަސްވަނައިގައި އޮތްއިރު، އޭޝިއަން ކަޕްގެ ފައިނަލުގައި ކުޅުނު އިންޑޮނޭޝިއާ ވަނީ 10 ދަރަޖައިގެ ކުރިއެރުމަކާއެކު 14 ވަނައަށް ޖެހިލާފައެވެ.

ދުނިޔޭގެ ފިރިހެން ފުޓްސަލްގެ ގަދަ 10 ގައުމު -- ފޮޓޯ/ ފީފާ

ފިރިހެން ރޭންކިންގައި ވެސް އަލަށް ބައެއް ގައުމުތައް ހިމެނިފައިވާއިރު، އޭގެ ތެރޭގައި ސްްރީލަންކާ، ބޫޓާން، ސެނެގާލް އަދި ކެންޔާ ހިމެނެއެވެ. އަދި އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ކެމަރޫން އަލުން ރޭންކިންގައި ވަނީ ހިމެނިފައެވެ. އަފްޣާނިސްތާނުން ވެސް ވަނީ ހަތް ދަރަޖައިގެ ކުރިއެރުމެއް ހޯދައި 21 ވަނައަށް ޖެހިލާފައެވެ.

ފީފާއިން ރަސްމީ ފުޓްސަލް ރޭންކިން ތައާރަފްކުރީ 2024 ވަނަ އަހަރުގެ މެއި މަހުގައެވެ. މި ރޭންކިން ބިނާކޮށްފައި ވަނީ 'އެލޯ-ރޭޓިން' ސިސްޓަމްގެ މައްޗަށެވެ.

މިއީ މެޗަކުން މޮޅުވުމުން ޕޮއިންޓް އިތުރުވެ، ބަލިވުމުން ޕޮއިންޓް އުނިވާ އުސޫލެކެވެ. މިގޮތުން ލިބޭ ޕޮއިންޓްގެ އަދަދު ބިނާވަނީ ކުޅޭ ދެ ޓީމުގެ ފެންވަރާއި މެޗުގެ މުހިންމުކަމުގެ މައްޗަށެވެ.