ރާއްޖެއަށް ހަންޓާވައިރަސްގެ ރިސްކު ވަރަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނެފިއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އާޖެންޓީނާއިން ފުރައިގެން ދަތުރުކުރަމުންދިޔަ "އެމްވީ ހޮންޑިއަސް" ކްރޫޒް ޝިޕްގައި ހަންޓާވައިރަސް ފެތުރި، މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު ހަތަރު މީހަކު ވަނީ ފަރުވާއަށް އުޅަނދުން ބާލާފައެވެ. މި ހާދިސާއާ ގުޅިގެން، އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކަށް އެނބުރި ދިޔަ ފަސިންޖަރުން ހޯދައި، ބަލި ފެތުރުން ހުއްޓުވުމުގެ ބޮޑު މަސައްކަތެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރަމުންނެވެ.

ހަންޓާވައިރަސް އާންމުގޮތެއްގައި ފެތުރެނީ މީދާ ފަދަ ސޫފީގެ ނަޖިހުން ތަޣައްޔަރުވެފައިވާ ވައިގެ ޒަރީއާއިންނެވެ. ނަމަވެސް މި ކްރޫޒް ޝިޕުން ފެނިފައިވަނީ އިންސާނުންގެ މެދުގައި ގައިގޯޅިވުމުން ފެތުރޭ "އެންޑީސް" ސްޓްރެއިންއެވެ.

މި ބަލީގެ ވާހަކަ ފެތުރިދާނެ ކަމުގެ ބިރު އޮތްއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަމާލުކަން ވަނީ މިކަމަށް ލިބިފައެވެ.

އެ ބައްޔާ ގުޅިގެން އެޗްޕީއޭއިން މިރޭ ބުނީ ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނާއަކުން ހަންޓާވައިރަސް ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް އެ އެޖެންސީން ދަނީ އެކަން މޮނިޓާކުރަމުން ކަމަށެވެ. އަދި މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކު ވެސް ފެނިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހަމައެއާއެކު ރާއްޖެއަށް ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކަށް އާންމުންނަށް ހިއްސާ ކުރަމުން ދާނެ ކަމަށެވެ.

ހަންޓާވައިރަސްގެ ނުރައްކާ އާންމުންނަށް ކުޑަކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. ޑަބްލިއުއެޗްއޯގެ ޑރ. މާރިއާ ވެން ކާކޯވް ވިދާޅުވި ގޮތުގައި، މިއީ އާލަމީ ވަބާއެއްގެ ފެށުމެއް ނޫނެވެ. އަދި މިއީ ކޯވިޑް ނުވަތަ އިންފްލުއެންޒާ ފަދަ ބައްޔެއް ނޫން ކަމަށާއި، މި ބަލި ފެތުރޭ ގޮތް މުޅިން ތަފާތު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަންޓާވައިރަސް ޖެހުމުން އިންސާނުންގެ ކިބައިން އޭގެ އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ ބަލިޖެހޭތާ އެއް ހަފުތާއާއި އަށް ހަފުތާއާ ދެމެދުގެ މުއްދަތެއްގައެވެ. ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކަކީ އާންމު ރޯގާގެ އަލާމާތްތަކާ އެއްގޮތް އަލާމާތްތަކެކެވެ. މީގެ ތެރޭގައި ގަދައަށް ހުން އައުން، ވަރުބަލިވުން، މަސްތަކުގައި ގަދައަށް ރިއްސުން (ޚާއްޞަކޮށް ފަލަމަސްގަނޑު، އުނަގަނޑު އަދި ބުރަކަށީގައި)، ބޮލުގައި ރިއްސުން، އަދި ބަނޑުގެ މައްސަލަތައް (މޭނުބައިކުރުން، ބޭރަށް ހިންގުން) ހިމެނެއެވެ.

މި އަލާމާތްތައް ފެންނަން ފެށުމަށްފަހު، ވަރަށް އަވަހަށް ނޭވާލާ ނިޒާމުގެ ބޮޑެތި މައްސަލަތަކަށް ބަދަލުވެއެވެ. މީގެ ތެރޭގައި ކެއްސުން، ނޭވާ ކުރުވުން އަދި ފުއްޕާމޭގައި ފެން ހެދުމުގެ ސަބަބުން ނޭވާލާން އުނދަގޫވުން ހިމެނެއެވެ.