16 Sep 2012, 09:39
ބެއިޖިންގް (ސެޕްޓެމްބަރ 15): ފާއިތުވި ދެތިން ހަފްތާތެރޭގައި ޗައިނާގެ ސިޔާސީ މަސްރަޙުންނާއި އާންމުން ޙަޔާތުން ގެއްލިވަޑައިގެންފައިވާ ޗައިނާގެ މިހާރުގެ ނައިބު ރައީސް އަދި މުސްތަޤްބަލްގައި އެޤައުމުގެ ރައީސްކަން ލިބިވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާ ޗީ ޖިންބިންގް އަލުން "ފެނިއްޖެ"އެވެ.
ޗީ ޖިންބިންގް އަލުންފެނިފައި ވަނީ ޗައިނާގެ ނެޝަނަލް ސައިންސް ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާ އިން އިންތިޒާމްކުރި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނިކޮށެވެ. މިރަސްމިއްޔާތުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެކަން ޗައިނާގެ ރަސްމީ ނޫސްއެޖެންސީން ވަނީ އިއްޔެ އިޢްލާންކޮށްފަ އެވެ.
ޗީ ޖިން ބިންގް އަށް ވީނުވީ ނޭނގި ގެއްލިފައި ވަނީ މީގެ ތިންހަފްތާއެއްހާ ދުވަސްކުރިންނެވެ. މިތިންހަފްތާ ތެރޭގައި އޭނާއާ ބައްދަލުކުރެއްވުމަށް ކުރިން ތާވަލްކުރެވިފައިވާ ބޭރުގެ ހަތަރު މަސްއޫލުވެރިއެއްގެ ބައްދަލުވުންތައް ވަނީ ކެންސަލް ކުރެވިފަ އެވެ. މީގެތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންއާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ލޮންގް ހިމެނިވަޑައިގަންނަވަ އެވެ.
ޗީ ޖިން ބިންގް ގެއްލިވަޑައިގަތް މައްސަލާގައި އެތައް ގޮތަކަށް އަޑުތައް ފެތުރިފައިވެ އެވެ. މީގެތެރޭގައި އޭނާ އަށް ވަރުގަދަ ހާޓްއެޓޭކެއް ނޫނީ ސިކުނޑީގެ ސްޓްރޯކެއް ޖެހިވަޑައިގެންނެވި ކަމުގެ އަޑުތަކާއި ކެންސަރުގެ އާލާސްކަންފުޅެއްގައި ހޮސްޕިޓަލުގައި އެނދުމަތިކުރެވިފައިވާ ކަމުގެ ޚަބަރުތަކެއްގެ އިތުރުން އަވަހާރަކޮށްލުމަށް ބަޔަކު މަސައްކަތްކުރި ކަމުގެ ޚަބަރުތައް ވެސް ހިމެނެ އެވެ.
މިއަޑުތަކާ އެކު ޗައިނާ ސަރުކާރުން މިމައްސަލާގައި ބުނެފައި ވަނީ ޗީ ޖިން ޢާންމު ތަންތަނުން ފެނިވަޑައިނުގަންނަވަނީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިއުނިސްޓް ޕާޓީގެ 18 ވަނަ ބޮޑު ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރައްވަން ޖެހޭ ބޮޑެތި މަސައްކަތްތަކެއް ކުރެއްވުމަށް ޓަކައި އެކަމަށް ހުސްވެ ވަޑައިގެން ހުންނަވާތީ ކަމުގަ އެވެ.
ޗައިނާގައި އެޤައުމުގެ ވެރިންގެ އަމިއްލަފުޅު ދިރިއުޅުއްވުމާއި ސިއްޙީ ޙާލުކޮޅު ފަދަ ކަންކަމަކީ ދައުލަތުގެ ސިއްރުކަމުގައި ހިމެނޭ ކަންކަމެވެ. އެހެންކަމުން އެ ޤައުމުގެ ޒަޢީމުން ނަށް ކުރިމަތިވާ ކުއްލި ކަންކަމާއި ސިއްޙީ މައްސަލަތައް ސިއްރު ކުރުމަކީ ޒަމާނުއްސުރެ އެޤައުމުން ގެންގުޅޭ ސިޔާސަތެކެވެ.
ޗައިނާގެ މުސްތަޤްބަލްގެ ރައީސް ކަމަށް ބެލެވިފައިވާ ޗީޖިން އެޤައުމުގެ ރައީސް ކަމުގެ މަޤާމަށާއި ސިފައިންގެ ވެރިޔާގެ މަޤާމަށާއި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ޒަޢީމްކަމުގެ މަޤާމަށް އިސްވެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގަ އެވެ. މިމަޤާމްތަކަށް އޭނާ ރަސްމީކޮށް އިންތިޚާބުކޮށްފައި ވަނީ މީގެ ފަސް އަހަރުކުރިން ބޭއްވި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ބޮޑު ބައްދަލުވުމުގަ އެވެ.
(ނޫސްއެޖެންސީތައް)