16 Sep 2012, 09:32
ފާއިތުވެ ދިޔަ ހޫނު މޫސުމުގައި ދުނިޔޭގެ އުތުރު ތަނޑީގައި ގަނޑުފެން ވިރިފައިވާ މިންވަރު ކުރީގެ ހޫނު މޫސުންތަކަށް ވުރެ ވަރަށް ބޮޑުތަން އިތުރުވެފައިވާކަން ސެޓަލައިޓް ފޮޓޯތަކަކުން ހާމަވެއްޖެވެ.
މިކަން ދިރާސާކުރި އެމެރިކާގެ ނެޝަނަލް ސްނޯ އެންޑް އައިސް ޑޭޓާ ސެންޓަރާ ޙަވާލާދީ ލަންޑަންގައި ނުކުންނަ ދަ ގާޑިޔަން ނޫސް ބުނި ގޮތުގައި މިދިޔަ ހޫނު މޫސުމުގައި ދުނިޔޭގެ އުތުރު ތަނޑީގައި ހުރި ގަނޑުފެނުގެ ސަރަޙައްދުގެ ބޮޑުމިން ފާއިތުވި 40 އަހަރުގެ ހޫނު މޫސުންތަކުގައި ހުރި ގަނޑުފެނުގެ ސަރަޙައްދުގެ ބޮޑުމިނަށް ވުރެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުޑައެވެ. މިކަން ހާމަވެފައި ވަނީ މިކަން ބެލުމަށް ނަގާފައިވާ ސެޓަލައިޓް ފޮޓޯތައް ބަލައި ތަޙްލީލްކުރުމުންނެވެ.
މީގެ މާނައަކީ ދުނިޔޭގެ އުތުރު ތަނޑީގައި ގަނޑުފެން ވިރެމުންދާ މިންވަރު ފާއިތުވި ހޫނު މުސުމުގައި ވަރަށް ބޮޑުތަން އިތުވެފައި ވުމެވެ. މިކަމުން ދޭހަވަނީ ދުނިޔޭގެ ޖައްވު ހޫނުވަމުންދާ މިންވަރު އިތުރުވަމުން ދިޔުންކަން ކޮލޮރާޑޯގައި ހުންނަ އެމެރިކާގެ ނެޝަނަލް ސްނޯ އެންޑް އައިސް ޑޭޓާ ސެންޓަރުން ނެރެފައިވާ ޢިލްމީ ބަޔާންތައް ބުނެ އެވެ.
ދުނިޔޭގެ އެތައް ޤައުމެއްގެ ޢިލްމީ މަރުކަޒުތަކުން ގެންދަނީ ދުނިޔެ ހޫނުވަމުންދާ މައްސަލަ އާއި މިކަމުގެ ސަބަބުން ދުނިޔޭގެ ދެ ތަނޑީގައި ގަނޑުފެނުގެ ބައްރު ވިރެމުންދާ މިނަވަރު ބަލައި ދިރާސާކުރަމުންނެވެ. ދުނިޔޭގެ އުތުރު ތަނޑީގައި ގަނޑުފެން ވިރެމުންދާ މިންވަރު ބަލައި ދިރާސާ ކުރަމުންގެންދާ ސައެންސްވެރިން ލަފާކުރާގޮތުން ދުނިޔޭގެ ޖައްވަށް އަރަމުންދާ ގްރީން ހައުސް ގޭސްތައް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ކުރިޔަށްއޮތް ވިއްސަކަށް އަހަރު ތެރޭގައި އުތުރުތަނޑީގެ ގަނޑުފެނުގެ ބައްރު ހޫނުމޫސުމުގެ އެންމެ ހޫނު ދުވަސްތަކުގައި އެއްކޮށް ވިރިގެންދާނެ އެވެ. ނަތީޖާއަކީ ދުނިޔޭގެ މޫސުމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެން ދިޔުންކަމަށް ސައެންސްވެރިން ބުނެ އެވެ. (ދަ ގާޑިޔަން)