އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ތާއީދުކުރައްވަނީ އޭނާއަކީ ތެދުބަހުން ސާދާކޮށް ވާހަކަދައްކަވާ ބޭފުޅަކަށް ވީމާ ކަމަށާއި އޭނާއާ އެކު "ދެބަސްވާން ވެސް ފަސޭހަ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގައި އެކުގައި މަސައްކަތްކުރައްވަމުން އަންނަ ދެ ބޭފުޅުންގެ ޚިޔާލު ތަފާތުވެ، އިއްޔެ ފައްޔާޒް ވަނީ ވައްޑޭއަށް ބޮޑު ތުހުމަތެއް އަމާޒުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީ ބަލިކަށިކުރުމުގައި އިސް ދައުރެއް އަދާކުރި އެއް ބޭފުޅަކީ ވައްޑޭ ކަމަށެވެ.

މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކުގައި ފައްޔާޒް މަސައްކަތްކުރައްވަން ފެއްޓެވި ފަހުން ފާޅުގައި މި ފަދަ ޚިޔާލު ތަފާތުވުމެއް އުފެދުނު ފުރަތަމަ ފަހަރެވެ.

އެކަމަކު، އެ ކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑޭ ވިދާޅުވީ، އޭނާ ފައްޔާޒަށް ތާއީދުކުރަނީ ކަންކަމުގައި ޚިޔާލެއް އޮވެގެން ހަގީގަތަށް ތެދަށް ސާދާކޮށް ވާހަކަދައްކަވާތީ ކަމަށެވެ. އެހެންވެ، އޭނާ އަދިވެސް ހުންނެވީ ފައްޔާޒާ އެކުގައިކަން ވަނީ ހާމަކުރައްވާފައެވެ.

"ދެބަސްވާން ވެސް ފަސޭހަ ބޭފުޅަކަށްވާތީ. އަޅުގަނޑުމެން ވާހަކަދައްކައި ބަހުސްކޮށް ޒުވާބުކޮށް އުޅޭތާ މި ވީހާ ދުވަހެއްވީ. އެއީ އިއްޔެއަކު ފެށުނު ކަމެއް ނޫން މާތްކަލާކޯ،" އޭނާގެ ޕޯސްޓުގައިވެއެވެ.

ކުރީގެ ރައީސް ނަޝީދު ވަނީ 2028 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރައްވާފައެވެ. އަދި، ފައްޔާޒް އަންނަނީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދު ގެންނަން މަސައްކަތްކުރައްވަމުންނެވެ. ވައްޑޭއަކީ އެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި، ނަޝީދާ ވަރަށް އަރިސްކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ.

ވައްޑޭ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ކޯލިޝަނަށް މާ ބޮޑު ހިއްސާއެއް ދިން ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އެމްޑީޕީ ބަލިކަށިކުރީ ކާކުތޯ ސުވާލު އުފައްދަވާފައެވެ. އެކަމަކު، ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކުރައްވާފައެވެ.

ފައްޔާޒް ހޫނު ރައްދެއް ދެއްވީ އެ ޕޯސްޓާ ގުޅިގެންނެވެ. ފައްޔާޒް ކުރެއްވި ޕޯސްޓް ޑިލީޓެއް ނުކުރައްވައެވެ.

"އެމްޑީޕީ ބަލިކަށިކުރުމުގައި އިސް ރޯލެއް އަދާކުރި އެއް ފަރުދެއް ވައްޑެ ތިއީ،" ދިވެހިބަހުން ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

ނަޝީދާ އެކު ވަރަށް އަރިސްކޮށް މަސައްކަތްކުރައްވާ ވައްޑެއަށް ފައްޔާޒް ފާޅުގައި ފާޑުވިދާޅުވިއިރު، މިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބުވި އެންމެ ބޮޑު ސަބަބެއް ކަމަށް އެ ޕާޓީން ގަބޫލުކުރަނީ ޕާޓީ ބައިބައިވުމެވެ. ނަޝީދާއި އެ މަނިކުފާނުގެ އަރިހުގައި މަސައްކަތްކުރައްވާ ބޭފުޅުން ޑިމޮކްރެޓްސް އުފެއްދެވުމަށް ފަހު، މަސައްކަތްކުރެއްވީ އެމްޑީޕީއާ ދެކޮޅަށެވެ. ވައްޑޭ ވެސް އެމްޑީޕީން ވަކިވެ، މަޖިލީސް މެންބަރުކަމުގެ ފަހު ބައި ހޭދަކުރެއްވީ ޑިމޮކްރެޓްސްގައެވެ.

އެ ބޭފުޅުން ޑިމޮކްރެޓްސް ދޫކޮށްލެއްވުމަށް ފަހު، އެނބުރި އެމްޑީޕީއަށް ސޮއިކުރަން ނިންމީ މިދިޔަ އަހަރެވެ. އޭގެ ފަހުން ނަޝީދާއި ފައްޔާޒް މަސައްކަތްކުރައްވަމުން އަންނަނީ އެކުގައެވެ. ވައްޑޭ ވެސް މަސައްކަތްކުރައްވަނީ އެ ފެކްޝަންގައި ނަޝީދުގެ ކެމްޕޭންގައެވެ.