އެމެރިކާއާއި އީރާނުން ހަމަލާ ބަދަލުކޮށްފި، ޓްރަމްްޕް ވިދާޅުވީ "ލޯބިން ޖަހާލީ" ކަމަށް
އެމެރިކާއާއި އީރާނުން ހަމަލާ ބަދަލުކޮށްފި، ޓްރަމްްޕް ވިދާޅުވީ "ލޯބިން ޖަހާލީ" ކަމަށް

އެމެރިކާއާއި އީރާނުން ކުރާ ހަނގުރާމަ މެދުކަނޑާލާފައި އޮންނަތާ މަހެއް ހާ ދުވަސް ފަހުން ދެ ގައުމުން ރޭ ހަމަލާތައް ބަދަލުކޮށްފިއެވެ.

ހަމަލާތަކަށްފަހު އާންމު ހާލަތަށް އައިސްފައިވާ ކަމަށް އީރާނުން ބުނެފައިފާއިރު، ހާލަތު އިތުރަށް ގޯސްވާން ބޭނުންނުވާ ކަމަށް އެމެރިކާއިންވެސް ވަނީ ބުނެފައެވެ.

އީރާނުގެ އަސްކަރިއްޔާއިން ބުނީ އެމެރިކާއިން ހުރްމުޒް ކަނޑުއޮޅިއަށް ވަންނަ ދިޔަ ބޯޓަކަށް އަމާޒުކޮށްގެން ހަމަލާ ދީފައިވާ ކަމަށެވެ. އެމެރިކާ އަސްކަރިއްޔާއިން ބުނެފައިވަނީ އެގައުމުން ހަމަލާދިނީ އީރާނުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

އޭބީސީ ނޫހަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ހަމަލާ ބަދަލުކުރި ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން (ސީޒްފަޔާ) އަދިވެސް އޮންނާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އޭއެފްޕީ

ނަމަވެސް އީރާނުން ވަނީ ހަމަލާތަކުގެ ރައްދު ދޭނެ ކަމަށް ބުނެފައެވެ.

"އެއީ ހަމައެކަނި ލޯބިން ޖަހާލީ." ޓްރަމްޕް ނޫސްވެރިޔާއާ ވާހަކަ ދައްކަވަމުން ވިދާޅުވި ކަމަށް އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައިވެއެވެ.

ހަމަލާތައް ބަދަލުކޮށްފައި މިވަނީ ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރަން އެމެރިކާއިން އީރާނަށް ހުށަހެޅި ހުށަހެޅުން އީރާނުން މުރާޖާ ކުރަ ދަނޑިވަޅެއްގައެވެ.

އީރާނުގެ ޓޮޕް ޖޮއިންޓް މިލިޓަރީ ކޮމާންޑުން ތުހުމަތު ކުރި ގޮތުގައި އެމެރިކާއިން ވަނީ އީރާނުގެ ތެޔޮ ޓޭންކަރަކާއި އެހެން ބޯޓަކަށް އަމާޒުކޮށް ހަމަލާދީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައެވެ. އަދި އީރާނުގެ ފައުޖުތަކުން ވަގުތުން ރައްދުގައި އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ހަމަލާދިނީ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސެންޓްކޮމް އިން ބުނީ ނޭވީގެ ތިން ބޯޓަަކަށް އަމާޒުކޮށްދިން ހަމަލާގައި އީރާނުން މިސައިލް، ޑްރޯން އަދި ކުދި ދޯނި ބޭނުންކޮށްފައިވާ ކަމަށެވެ.

އީރާނުގެ ކުދި ބޯޓުތަކެއް ނައްތާލައި ކްރޫޒް މިސައިލާއި ޑްރޯންތަކެއް ހުއްޓުވާފައިވާ ކަމަށް ހޯމަ ދުވަހުވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

ރޭ ހަމަލާތައް ބަދަލުކޮށްފައި ވަނީ އީރާނާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވިއްޖެ ކަމަށާއި ސުލްހައިގެ ދާއިމީ އެއްބަސްވުމެއް ވަރަށް އަވަހަށް ގާއިމު ކުރެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.