އެއީ ހަގީގަތުގައި ވެސް ބޮޑު މައްސަލައެކެވެ. އެއީ ވިޔަފާރީގެ އެއްބަސްވުމަކަށް ވިޔަސް ހާރިޖީ ގުޅުންތަކަކަށް ވެސް ބުރޫއަރާނެ މައްސަލައެކެވެ. ސަބަބަކަށް ވަނީ؛ ސަރަހައްދުގެ ބޮޑު ބާރެއްގެ ބަސްވިކޭ ކުންފުންޏަކަށް ވުމެވެ. މި ދައްކަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައޭ) އޮޕަރޭޓް ކުރަން 2010 ވަނަ އަހަރު ހަވާލުކުރި އިންޑިއާގެ ޖީއެމްއާރު ގުރޫޕުގެ ވާހަކަ އެވެ. ރާއްޖޭގެ މައި ދޮރާށި ބޭރު ބަޔަކަށް 25 އަހަރަށް އަދި ބޭނުވެއްޖެ ނަމަ 30 އަހަރަށް ވެސް އިތުރުކުރެވޭ ގޮތަށް ދިންދިނުމާއި އޭރުގައި އިދިކޮޅު އަދި މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން ފާޅުގައިދެކޮޅު ހެދި އެވެ. ޖީއެމްއާރާ ދެކޮޅަށް އެއާޕޯޓު ދިނުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ގުޅިފައިވާ ޕާޓީތަކުން އެއްގަލަކަށް އެރި އެވެ.

ނަމަވެސް މިއަދު އެ ދުވަސް ބަދަލުވެ މުޅީން އެހެން މަންޒަރެއް ކުރެހި ކުޅިބައި ވެސް އޮތި އެހެން ގޮތަކަށް އެތުރިފަ އެވެ. އެކަމާ ދެކޮޅު ހަދަން ހުރިހާ ޕާޓީތަކަށް އެކީއެކަށް ޝޮއެއްކޮށް ލެވުނަސް ބާރު އޮތަސް އެކަން އުދަގޫ ވުމުގައި ގިނަ ސަބަބުތަކެއް ހިއްސާ ކުރެ އެވެ. ގެއްލުން ވިޔަސް އެ ގެއްލުން ކޮޑުއަޅަން މިއަދު ސަރުކާރަށް މަޖުބޫރުވަނީ ހާލަތު ނިޔާ ކުރާ ގޮތުންނެވެ. އިންވެސްޓާ ކޮންފިޑެންސަށް ބަލާފަ އެވެ. ހާރިޖީ ގުޅުންތަކަށްވެސް ވިސްނާފަ އެވެ. ޖީއެމްއާރާ އެކު ކުރެވުނު އެގްރިމަންޓްގެ ސަބަބުން އެ މައްސަލައިގައި ސަރުކާރަށް ދޫދެންޖެހެނީ ގާނޫނީ ގޮތުން އަތްފައި ބަދެވިފައި ތިބީމައި ކަމަށް ސަރުކާރު ދެކެނީ އެ ސަބަބުތަކާހުރެ އެވެ.

"ދިވެހި ގިނަ ރައްޔިތުން ބޭނުންވާ ގޮތަށް ސިޔާސީ ގިނަ ޕާޓީތަކުން ބޭނުންވާ ގޮތަށް އެއްބަސްވުން ޓާމިނޭޓް ކުރުމަކީ ވެސް ގާނޫނީ ގޮތުން އެއްގޮތަކަށް ވެސް ފަސޭހަކަމެއް ނޫން، އެކަމުގައި ސަރުކާރުން ތިން ކަމެއް ސަރުކާރަށް ފާހަގަވޭ. އެއީ އެގްރިމަންޓް ޓާމިނޭޓް ކުރުމަށް ދައްކަން ޖެހޭނެ އަގު. މާލީ ހާލަތު މިގޮތުގައި އޮތް އިރު އެފަދަ ނިންމުމެއް ނިންމުމަކީ ވެސް ވަރަށް އުނދަގޫކަމެއް. އަނެއްކަމަމަކީ ދިވެހި ސަރުކާރުން ހުއްދަ ދީގެން އިންވެސްޓްކުރަމުން އަންނަ ބަޔެއް. އެހެންވީމާ ރާއްޖޭން ބޭރު ގައުމުތަކަށް ރާއްޖެ ބަރޯސާވެފައިވާ އިރު އިންވެސްޓާ ކޮންފިޑެންސަށް ވެސް ވިސްނަންޖެހޭނެ. އަދި މި މައްސަލައާ ގުޅިގެން އައިސްފާނެ ޑިޕްލޮމެޓިކް ކަންތަކަކީ ވެސް ވިސްނަންޖެހޭނެ ކަމެއް،" އެ މައްސަލައިގައި ހަތަރު މިނިސްޓަރަކު ގުޅިގެން ބޭއްވި ކޮންފަރެންސްގައި ދައުލަތުގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވި އެވެ.

ސަރުކާރެއްގެ ނަޒަރިއްޔާތުން އާޒިމާގެ ވާހަކަ ކިތަންމެ ހާވެސް ރަނގަޅެވެ. އެކަމަކު ރައްޔިތެއްގެ ވިސްނުމަށް އެ ވާހަކަތައް ފޯރަން އުނދަގޫވާނެ އެވެ. އެ އެގްރިމަންޓުން ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުމެއް ކޮންމެ އަހަރަކުވާ ކަން ސަރުކާރުން ކުރި ދިރާސާތަކުން ވެސް އޮތީ ހާމަވެ ފެންނާށެވެ. އެކަމަކުގައި އިހުމާލުވެފައިވާ ފަރާތްތައް އިނގިލި ދިއްކޮށްފާފައި ފެންނާނެ ވަރަށް އޮތީ ތިލަވެފަ އެވެ. ނަމަވެސް އޭގެ ބަދަލު، އެމީހުންގެ އަތުން އަތުލަން ވެސް ސަރުކާރަށް ދިރާސާކުރުން ނޫން ކަމެއް މި ހިސާބަކަށް ނުކުރެވެ އެވެ.

"އަޅުގަނޑުމެން ވިސްނަން އެބަޖެހޭ، ކޮން އިރަކުން ކޮންގޮތަކުންތޯ އިހުމާލުވީ މީހުންގެ އަތުން ފައިސާ އަތުލާނީ، އެއީވެސް އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް. މިހުރިހާ ކަމަކަށް ވިސްނާފައި އަޅުގަނޑުމެން ފިޔަވަޅެއް އަޅަން ޖެހޭނީ،" އެކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު ވިދާޅުވި އެވެ.

ކޮންމެ ފިޔަވަޅެއްގެ ކުރިން ވެސް ވިސްނަންޖެހެ އެވެ. އެކަމަކު އަނެއް ފަރާތުން ގަބޫލުކުރަން ޖެހޭ ހަގީގަތެއް ވެސް އެބަ އޮތެވެ. މި ސަރުކާރަށް ވެސް އަށް މަސް ފާއިތުވީ އިރު ފިޔަވަޅެއް އެޅުމުގެ މަޝްވަރާތަކެއް ނުކުރެވެ އެވެ. ދައުލަތަށް ލިބޭ ގެއްލުން ފޫބެއްދުމަށް މަޝްވަރާ ކުރުމުގެ ބަދަލުގައި ޖީއެމްއާރުން ބޭނުން ކަންތައްތަކެއް ކުރުމަށް މަޝްވަރާތަކެއް ކުރެވިފައިވާހެން ވެސް ބައެއް ފަހަރަށް ހީވެ އެވެ. ކޮންމެ ޕްރޮޕޯސަލެއްހެންމެ ސަރުކާރުން ވަރަށް ފަސޭހައިން ގަބޫލުކުރާތަން ވެސް ފެނެ އެވެ. މިސާލަކަށް؛ މިހާރު އޮތް ރަންވޭ އަލުން މަރާމާތުކުރުމަށް ޖީއެމްއާރުން ހުށަހެޅުމުން، ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވަނީ ދެން ޖީއެމްއާރުގެ މަސައްކަތައް ހުރަސް އަޅަންވީ ހުއްޖަތެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް ވެސް ޖީއެމްއާރާ އެކު މަޝްވަރާ ކުރީ އެކި ފަހަރު އެގޮތަށް ދިމާވެފައި ހުރި ކަންތައްތަކާ ގުޅޭގޮތުން. މިސާލަކަށް ރަންވޭގެ މައްސަލައާ މިހެންގޮސް ހުށަހެޅި އެކި ކަންކަމާ ގުޅޭ ގޮތުން، އެގްރިމަންޓް ބަދަލުކުރުމަކަށް މަޝްވަރާއެއް ނުކުރެވޭ،" އިކޮނޮމިކް މިނިސްޓާ އަހުމަދު ވިދާޅުވި އެވެ.

މީގެ ދެތިން މަސް ކުރިން ސަރުކާރުން ތިން މެންބަރުންގެ ކޮމެޓީއެއް ވެސް ނެނގި އެވެ. ނަމަވެސް މައްސަލައަކަށް ފަހު މައްސަލައެއް ފެންމަތިވަމުން އައިސް އެއާޕޯޓުން ނަގަން ޖީއެމްއާރުން ނިންމާފައި އޮތް އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ 25 ޑޮލަރު އުނިކުރަމުން ގޮސް އެންމެ ފަހުން ޖީއެމްއާރަށް ފައިސާ ދޭންޖެހުނީ ސަރުކާރަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ މިހާރު ވެސް ކަރުތާފެނުގައި އޮތް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށެވެ. އެންމެ ފަހުން އެ މައްސަލަ ވެސް ގައުމުގެ އިން ފަހަނަ އަޅައި ގޮސް ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ޖީއެމްއާރުން ވެއްދި އެވެ. ޖީއެމްއާރުން ވެސް ބުނެފައި ވަނީ އެގްރިމަންޓްގެ ޓާމްސްތައް ބަދަލުކުރުމަށް މަޝްވަރާއެއް ކޮށްފައި ނެތް ކަމަށެވެ.

ބަންޑާރަ ނައިބު އާޒިމާ ވެސް ވިދާޅުވެފައި ވަނީ؛ ސިންގަޕޫރުގެ އާބިޓްރޭޝަނަށް އެ މައްސަލަ ޖީއެމްއާރުން ވެއްދި ނަމަވެސް އެކަމަށް އަވަސް ހައްލެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އެކަމަށް އެތައް ދުވަސްތަކެއް ހޭދަވެދާނެ އެވެ. މިއީ ސަރުކާރަށް ވެސް ގަބޫލުކުރެވޭނެ ގޮތެވެ. އެކޮނޮމިކް މިނިސްޓަރު އަހުމަދު ވިދާޅުވަނީ ސަރުކާރަށް ވެސް އަދި އިއްތިހާދުވެފައިވާ ޕާޓީތަކަށް ވެސް ކުރިމަތީގައި ވެސް އޮތީ ދެގޮތް ކަމަށެވެ؛ އެގްރިމަންޓް އިސްލާހުކޮށް ޖީއެމްއާރާ އެކު ކުރިއަށް ދިޔުމެވެ. އަނެއްގޮތަކީ އެގްރިމަންޓް ޓާމިނޭޓް ކޮށް ޖީއެމްއާރުގެ އަތުން އެއާޕޯޓް ނެގުމެވެ. ނަމަވެސް އެއީ ތަންކޮޅެއް އުނދަގޫގޮތެކެވެ. އެކަމަށް 700 މިލިއަން ޑޮލަރު ސަރުކާރުންދޭންޖެހެ އެވެ.

ތިލަފަތުގެ ކޮންމެ ކޮޅަކަށް ބުރަވިޔަސް ޖީއެމްއާރުގެ އެގްރިމަންޓަކީ ވަކިއަތަކަށް ޖެހި ބުރަވެފައިވާ ދައުލަތައް އެތައް މިލިއަން ޑޮލަރަކުން ގެއްލުންވާ އެއްބަސްވުމެއްކަން އެއީ ކަމުގެ އަސްލެވެ. އެހެން ކަމުން މުޅި އިގްތިސޯދުގެ ހައްގުގައި ގައުމުގެ ހައްގުގައި އެކަމުގައި ކޮންމެވެސް ހައްލެއް ހޯދަންޖެހެ އެވެ. މެދުމިނުގެ ހައްލެއް އެކަމަށް ބޭނުންވެ އެވެ. އަދި އެކަން އަވަސް ވެސް ކުރަންޖެހެ އެވެ. ލަސްވާނަމަ އޭގެ ބަދަލުގައި ދައުލަތުން އަދާކުރަން ޖެހޭ އަގު މިހާރަށްވުރެ ދެގުނަ ބޮޑުވެދާނެ އެވެ. އަބަދު ދިރާސާކުރުމާއި މަޝްވަރާކުރުމަށް ވަގުތު ދުއްވާލެވޭކަށްނެތެވެ. އޭރުން ވެސް އިންވެސްޓަރުންގެ ކޮންފިޑެންސްވެސް ގެއްލޭނެ އެވެ. ދައުލަތަށާއި ދިވެހި ވިޔަފާރި ވެރިންނަށް ލިބޭ ގެއްލުން އޭރުން އަދި މާބޮޑުވާނެ އެވެ. ޖީއެމްއާރު މައްސަލައަށް ބޭނުން ވަނީ އަވަސް ހައްލުތަކެކެވެ. ފަރުވާތެރި އަވަސް ނިންމުންތަކެކެވެ.