ސެމްސަންގް ގެލެކްސީ ވޮޗް ބޭނުންކޮށްގެން، މީހަކު ހޭނެތުމުގެ ފަސް މިނެޓު ކުރިން އެކަން ދެނެގަނެވޭނެކަން ދިރާސާއަކުން ދައްކައިފިއެވެ.

ދެކުނު ކޮރެއާގެ ޗަންގް-އަންގް ޔުނިވާސިޓީއާއި ގްވަންމިއޮންގް ހޮސްޕިޓަލާ ގުޅިގެން ސެމްސަންގުން ކުރިއަށްގެންދިޔަ މި ދިރާސާއަކީ "ވެސޯވޭގަލް ސީންކޯޕް" ނުވަތަ ހިތުގެ ވިންދާއި ލޭގެ ޕްރެޝަރު ކުއްލިއަކަށް ދަށްވުމުގެ ސަބަބުން ކުރިމަތިވާ ހޭނެތުމުގެ މައްސަލަތަކަށް އަމާޒުކޮށްގެން ކުރި ދިރާސާއެކެވެ.

މިއީ އާންމުކޮށް ވިއްކަން ހުންނަ ސްމާޓްވޮޗެއް ބޭނުންކޮށްގެން ހޭނެތުން ދުރާލައި އަންގައިދެވިދާނެކަން ސާބިތުކޮށްދިން ފުރަތަމަ ކާމިޔާބު ދިރާސާ ކަމަށް ސެމްސަންގުން ބުނެއެވެ.

މި ދިރާސާގައި ބޭނުންކޮށްފައިވަނީ ސެމްސަންގް "ގެލެކްސީ ވޮޗް 6" އެވެ. މި ގަޑީގައި ހުންނަ ސެންސަރުތައް މެދުވެރިކޮށް ހިތުގެ ވިންދަށް އަންނަ ބަދަލުތައް ބަލައި، އެ މައުލޫމާތު އޭއައި މޮޑެލްއެއްގެ އެހީގައި ވަނީ ދިރާސާކޮށްފައެވެ. މިގޮތުން ހޭނެތުމުގެ ފަސް މިނެޓު ކުރިން އެކަން ދެނެގަތުމުގައި މި ސިސްޓަމުން ވަނީ 84.6 އިންސައްތައިގެ ކާމިޔާބީއެއް ހޯދާފައެވެ.

މި ދިރާސާގައި ހޭނެތުމުގެ މައްސަލަ ހުންނަ ކަމަށް ޝައްކުކުރެވޭ 132 މީހަކު ބައިވެރިކޮށްފައިވާއިރު، ޑޮކްޓަރުންގެ ބެލުމުގެ ދަށުން އެމީހުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ވަނީ ގަޑީގެ އެހީގައި މޮނިޓާކޮށްފައެވެ. ސެމްސަންގުން ބުނާ ގޮތުގައި މިއީ ހޭނެތުމުގެ ސަބަބުން ކުއްލިއަކަށް ވެއްޓި ލިބޭ އަނިޔާތަކުން ސަލާމަތްވުމަށް އެޅޭނެ ވަރަށް ބޮޑު ބާރެކެވެ.

ހޭނެތުމުގެ ކުރިން އެކަން އެނގުމުން، މީހާއަށް އިށީނުމަށް ނުވަތަ ރައްކާތެރި ތަނަކަށް ބަދަލުވުމަށް ވަގުތު ލިބިގެންދާނެ ކަމަށް ދިރާސާގައި ބައިވެރިވި ޕްރޮފެސަރުން ވިދާޅުވެއެވެ.

މި ފީޗާ އާންމުކޮށް ގަޑިތަކަށް ދޫކޮށްލާނެ ތާރީޚެއް ސެމްސަންގުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ގެލެކްސީ ވޮޗްގެ އައު މޮޑެލްތަކުން މި ޚިދުމަތް ލިބޭނެ ކަމަށް ބެލެވެއެވެ.