ކްރިމިނަލް ކޯޓާއި ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓު ގުޅިގެން ޖިނާއީ މަސައްލަތަކުގެ ޝަރީއަތް ހިންގުމާއި ބެހޭ ގޮތުން އެ އަތޮޅުގެ ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިރޭ ވިދާޅުވީ ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ނ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި އެ ބައްދަލުވުމުގައި މައުލޫމާތު ދީފައި ވަނީ ކްރިމިނަލް ކޯޓުގެ ގަޒީން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި ޖިނާއީ މަސައްލަތަކުގެ ޝަރީއަތް ހިންގުމާއި، ހުކުމް ތައްޔާރު ކުރާނެ ގޮތާއި، ކޯޓު އަމުރު ނެރުމާ ބެހޭ ގޮތުގެ އިތުރުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދުގައި ގޮތް ނިންމާނެގޮތާ ގުޅޭގޮތުން އެ އަތޮޅުގެ މެޖިސްޓްރޭޓުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ ބައްދަލުވުން ފައްޓަވައިދެއްވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދެއްކެވި ވާހަކަފުޅުގައި އެ ބައްދަލުވުމަކީ ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައާއި ކުއްކުށުގައި ތުހުމަތުކުރެވޭ މީހުން ތަހުގީގަށް ބަންދު ކުރުމުގަ އާއި، ޖިނާއީ މައްސަލަތަށް ނިންމުމުގައި ގެންގުޅޭ އުސޫލް އެއްގޮތް ކުރުމާއިބެހޭ ގޮތުން ބޭއްވޭ މުހިންމު ބައްދަލުވުމެއްކަމުގައި ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީން އިސް ނަންގަވައިގެން އެފަދަ ބައްދަލުވުމެއް ބޭއްވިކަމަށްޓަކައި ނ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބުދުﷲ ނަޝީދު ވަނީ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ޝުކުރު ދަންނަވާފައެވެ.

ނ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގައި ތަހުގީގުކުރުމުގައި ހަރަކާތްތެރިވާ ބައެއް ފުލުހުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވި އެ ބައްދަލުވުން ނިމި ބައިވެރީންނަށް މިއަދު ވަނީ ސެޓްފިކެޓް ދީފައެވެ.