15 Sep 2012, 20:07
ސަރުކާރުގެ ބައެއް މުއައްސަސާތަކުން ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭތީ އެކަން ބަލައި އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ އެ މުއައްސަސާތަކާ ދެމެެދު މެދުވެރިއެއްގެ ދައުރު އަދާކުރަން މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ކޮމިޓީއެއް ހޮވައިފި އެވެ.
އެމްއެމްސީ އިން ބުނީ ރާއްޖެ ޓީވީ އާއި މުުއައްސަސާތަކާ ދެމެދު އޮތް މައްސަލަ ހައްލު ކުރުމަށް ކޮމިޓީއެއް އެކުލަވައިލަން ނިންމީ މިއަދު އޮތް އެ ކައުންސިލުގެ 11 ވަނަ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
މީޑިއާ ކައުންސިލުން މިއަދު އެކުލަވާލި ފަސް މެމްބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެ ކައުންސިލްގެ ރައީސް އިބުރާހިމް ޚަލީލާއި މެމްބަރު އަހުމަދު ޒަހިރު (ހިރިގާ) އާއި މިދުހަތު އާދަމްއާއި ހުޝާމް މުހައްމަދާއި ޖައުފަރު ރަޝީދެވެ.
ރާއްޖެ ޓީވީއަށް އެއްބާރުލުން ދިނުމަށާއި މީޑިއާގެ އެއްވެސް ފަރާތަަކާ މެދު ތަފާތު ނުކުރުމަށް އެދި ރައީސުލް ޖުމްހޫރިއްޔާއަށާއި މޯލްޑިވްސް ޕޮލިސްސާވިސްއަށް އިލްތިމާސްކޮށް ކުރިން ސިޓީއެއް ފޮނުވާފައިވާނެ ކަމަށް މީޑިއާކައުންސިލުން ބުންޏެވެ.
ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރާ ކަމަށް ތުހުމަތުކޮށް، ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން ނިންމާފައިވާ ކަމަށް ކަމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒު އިއުލާންކުރެއްވި ފަހުން މިހާތަނަށް ވެސް އެ ޓީވީއަށް ފުލުހުން އެއްބާރުލުން ދީފައެއް ނުވެއެވެ.