15 Sep 2012, 19:32
އިންޑިއާގެ ޑިފެންސް މިނިސްޓަރު ޝްރީ އޭކޭ. އެންތަނީ މިއަދު މާލެވަޑައިގެންފި އެވެ. ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެންތަނީ މާލެވަަޑައިގަތީ މިއަދު ހަވީރު 16.30 އެހާކަށް ހާއިރުއެވެ.
އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޑިފެންސް މިނިސްޓަރަށް މަރުހަބާ ވިދާޅުވީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމާއި އިންޑިއާ ހައިކޮމިޝަނަރު ޑީއެމް މުލޭ އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) ގެ ބައެއް އިސް އޮފިސަރުންނެވެ.
މިނިސްޓަރު އެންތަނީގެ ޝަރަފުގައި ބާއްވާ ހާއްސަ ފަރީއްކޮޅެއް މިރޭ އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އޭނާގެ ދަތުރުފުޅުގައި ރާއްޖޭގައި ހުޅުވާ ފުރަތަމަ މިލިޓަރީ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިދެއްވާނެ ކަމަށާއި ޅ. މާފިލާފުށީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސްކޫލްގެ ބިންގާ އަޅުއްވައިދެއްވާނެ ކަމަށް ވެސް އެންއެންޑީއެފް އިން ބުންޏެވެ.
މިނިސްޓަރު އެންތަނީގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި ފޮރިން މިނިސްޓަރު ޑރ. އަބުދުއް ޞަމަދު ޢަބުދުﷲއާއި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
އަދި ރާއްޖެއާ އިންޑިއާއާ ދެމެދު ޑިފެންސް ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓަރާއެކު އޭނާ ރަސްމީ ވާހަކަތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މިނިސްޓަރު އެންތަނީ ރާއްޖެ ވަޑައިގެންނެވީ ޗައިނާއާއި ރާއްޖެއާ ދެެމެދު ވަށް ގުޅުން ބަދަހިވެފައިވާ ދުވަސްވަރެއްގައެވެ.