15 Sep 2012, 18:34
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވައިލެއްވި، ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓަށްފަހު ހިތްތަކުގައި ހުރި އުދާސްތައް ފުހެލަންވެއްޖެ ކަމަށާއި ރާއްޖެ ކުރިއަށް ގެންދެވޭނީ އެފަދަ އުދާސްތައް އެއްފަރާތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް ކޮލަމާފުށްޓަށް ވަޑައިގެން މިއަދު މެންދުރުފަހު އެރަށު ރައްޔިތުންނާ ބައްދަކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދިވެހިންގެ ތެރޭގައި އެކުވެރިކަން ބާއްވަން އެބަޖެހޭ ކަމަށާއި އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭ ފިތުނަވެރިވެގެން އެކަކު އަނެކަކާ ދިމާކުރުމުގެ އުކުޅުތަކެއް ގެންގުޅެން އެއްގޮތަކަށް ވެސް ނުޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި އެއްބަޔަކު އަނެއް ބަޔަކާ ޖެހޭގޮތަށް އެއްބަޔަކު އަނެއް ބަޔަކަށް އިހާނެތިކޮށް ކަންތައް ކުރުމުން ރައްޔިތުންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖެ ކުރިއަށް ގެންދަން ބޭނުންވާނަމަ ރިތިކޮށް ކުރިއަށް ގެންދެވޭނީ އެފަދަ ކަންކަން އެއްފަރާތްކޮށް ގައުމުގެ މަސްލަހަތު އެއީ އެންމެ މުހިންމު މަސްލަހަތު ކަމަށް ބަލައިގެން ގައުމާއިގެން ކުރިއަށް ދިޔުމަށް ހިތްވަރާއެކު މަސައްކަތް ކޮށްގެން ކަމަށާއި ދާން ބޭނުންވާ ސްޕީޑުގައި އެނޫން ގޮތަކަށް ކުރިއަކަށް ނުދެވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
މިރޮނގުން ރައީސް ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީއާ އެކު މަސައްކަތް ކުރުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމުގެ ތެރޭގައި އިންތިހާބުތައް ހަމަޖެހިފައިވާ ތާރީހުގެ މަތިން މި އަންނަ އަހަރު ރިޔާސީ އިންތިހާބު އޮންނާނެ ކަމަށް ވިދާޅުވެ، ކުރިއަށް މިއޮތް އަހަރު ދުވަހުގެ ތެރޭގައި ވެސް އެންމެން އެކީގައި މަސައްކަތް ކޮށްގެން ގައުމަށް ކުރިއެރުމެއް ލިބޭތޯ މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވި އެވެ.
ކުރީ ސަރުކާރުން ފަށައިފައިވާ މަޝްރޫއުތަކުގެ ތެރެއިންވެސް ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ހުއްޓަވާނުލައްވާ ކަމުގެ ޔަގީންކަން ރައީސް މިއަދު ވެސް ދެއްވި އެވެ.