06 May 2026, 17:51

އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ރައީސް އޮފީހާއި ބައެއް އެހެން މިނިސްޓްރީތަކުގައި އިސް މަގާމުތައް ފުރުއްވި އައިޝަތު އީޝާ އަޝްރަފަށް ދިފާއުގައި އެއްވެސް ވާހަކައެއް ދައްކަން ފުރުސަތެއް ނުދިން ކަމަށް އޭނާގެ ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.
އެ މައްސަލައިގެ ތަހުގީގަށް އީޝާ މިއަދު ވަނީ ހެންވޭރު ދަނޑު ކައިރީގައި ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުވެފައެވެ.
ފުލުހުން އީޝާއަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތެވެ.
ފުލުހުންގެ ތަހުގީގުގެ ސުވާލުތަކަށްފަހު، މީޑިއާތަކަށް މައުލޫމާތުދެއްވައި އީޝާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ތަހުގީގަށް އީޝާގެ ބަޔާން ނެގިއިރު ފުލުހުން މައިގަނޑު ގޮތެއްގައި ކުރީ އެންމެ ތިން ސުވާލު ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން ތިން ސުވާލެއްކަން ވިދާޅުވި ނުވި ނަމަވެސް ޝަމީމް ވިދާޅުވީ އެ ތިން ސުވާލަށް ވެސް އީޝާ އިންކާރުކޮށްފައިވާ ކަމަށެވެ.
"ގަޒްފުކުރިކަމަށް ތުހުމަތުކުރަނީ، އަޅުގަނޑުމެން ސާފުކުރަން އެހިން ކާކާތޯ އެކަމެއް ކުރީ. އެ ސުވާލަކަށް ފުލުހުން ޖަވާބެއް ނުދޭ،" ޝަމީމް ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެން ދިފާއުގަ ވާހަކަދައްކަން ފުރުސަތަކަށް އެދުނީމާ، ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއްދެއްވާ. ހަމަ އެއްގޮތަކަށް ވެސް ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއް ދެއްވާ!" ޝަމީމް އިތުރަށް ވިދާޅުވިއެވެ.

އީޝާއާއި އޭނާގެ ވަކީލު ކުރީގެ ޕީޖީ ހުސައިން ޝަމީމް: އީޝާއަށް ދިފާއުގައި އެއްވެސް ވާހަކައެއް ދައްކަން ފުރުސަތެއް ނުދިން ކަމަށް ޝަމީމް ވިދާޅުވި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
ޝަމީމް ވިދާޅުވީ، އެހެންނަމަވެސް ބަޔާނުގައި، ދިފާއުގައި ވާހަކަދައްކަން ފުރުސަތު ނުދިން ކަމަށް ވެސް ފުލުހުން ލިޔުއްވި ކަމަށެވެ. ހަމައެއާއެކު މި ތަހުގީގުގައި އީޝާގެ ބަޔާން ނިމުނީ ކަމަށް ފުލުހުން ބުނި ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
މިއީ އީޝާ، ފުލުހުންގެ ތަހުގީގަށް ހާޒިރުކުރި ދެވަނަ ފަހަރެވެ. ރޭ، ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ، ފުލުހުންގެ ސުވާލުތަކަށްފަހު ނުކުމެވަޑައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއޫގައި ޝަމީމް ވަނީ އީޝާއަކީ މި މައްސަލައިގައި 'ވިކްޓިމް' ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ފުލުހުންނަށް ބަޔާން ދިނުމަށްފަހު ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މިއަދު ޝަމީމް ވިދާޅުވީ އީޝާއަކީ 'ވިކްޓިމް'ކަން ތަފްސީލްކޮށްދެއްވުމަށް މަސައްކަތްކުރެއްވި ނަމަވެސް އެ ފުރުސަތު ފުލުހުން ނުދިން ކަމަށެވެ.
"އިއްޔެ ވެސް ދަންނަވާފައި ވާނެ އަޅުގަނޑުމެންގެ ކްލަޔަންޓް ވިކްޓިމަށް ވާކަމަށް ގަބޫލުކުރާ ކަމަށް. ޓެކްސްޓް ފޮތް ތަކުގައި ވެސް [ވިކްޓިމްއަކަށް ވާ ގޮތް] ބަޔާންކޮށްފައި އެބަހުރޭ. އަނިޔާކުރާ މީހާ އަނިޔާ ލިބޭ މީހާއަށް ކުރާ މައިގަނޑު ކަންތައްތަކެއް ހުރޭ. ނަފްސާނީ އަނިޔާ ދިނުން. އެކަހެރި ކުރުން. ނަފްސާނީ ގޮތުން ވިޔަސް ފައިސާގެ ގޮތުން ވިޔަސް ޑިޕެންޑެންސީ ކްރިއޭޓްކުރުން، ބިރުދެއްކުން. އިންޒާރުދިނުން. މަގާމުގެ ނުފޫޒު ބޭނުންކުރުން،" ޝަމީމް ވިދާޅުވިއެވެ.
ދިފާއުވުމުގެ ފުރުސަތު ފުލުހުން ނުދިން ނަމަވެސް އެހުރިހާ ކަމެއް ވެސް ތަހުގީގީ މަރުހަލާގައި ކިޔައިދޭން ބޭނުންވާ ކަމަށާއި، އެކަން ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އިތުރު ތަފްސީލު އަންނަނީ،،،