15 Sep 2012, 17:52
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑު އެކުލަވައިލައްވައި އެބޯޑަށް ހަތް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ހަމަޖައްސަވައިފި އެވެ.
މިބޯޑަށް ރައީސް ހަމަޖެއްސެވި ބޭފުޅުންނަކީ މާފަންނު ލޮނުވެލި އަނީސާ އަހުމަދާއި، ގަލޮޅު ކުދިރުވާލިގޭ ޑރ. އާއިޝަތު ޝިހާމާއި، ގަލޮޅު ފަހިވާވިލާ ޑރ. މުހައްމަދު އަސީލް ޖަލީލާއި، އައްޑޫ ސިޓީ ފޭދޫ ސީނިޔާގޭ މުހައްމަދު އަނިލް އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހަސަން ހަބީބާއި ގދ. ދިއްދޫ ތަރިވިދާގޭ ހުސައިން ޝިހާބާއި، ނ. ކުރެންދޫ ނޫރަންގޭ ޒުލްފާ އިބްރާހީމެވެ.
މިބޯޑަކީ ގެވެށި އަނިޔާގެ ހުއްޓުވުމުގެ ގާނޫނުގެ 52 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސައްކަތްތައް ކުރުމަށް އެކުލަވާލައިފައިވާ ބޯޑެކެވެ.
އެއޮތޯރިޓީގެ މަސްއޫލިއްޔަތަކީ ގެވެށި އަނިޔާގެ އަމަލްތައް ހުއްޓުވުމަށާއި އެކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށާއި ފުލުހުންނާއި ސިއްހީ ހިދުމަތް ދޭ ފަރާތްތައްފަދަ ކަންކަމާ ގުޅުން ހުރި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށާއި ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި އެކިއެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކޮށް ގައުމީ ސިޔާސަތެއްގެ ދަށަށް އެމަސައްކަތް ގެނެސް ހިންގައިދީ، އެންމެ ކުރީ ސަފުގައި އެންމެ ކުރީ ސަފުގައި ގައުމީ ފެންވަރުގައި މަސައްކަތްކުރުމެވެ.