15 Sep 2012, 17:40
ހައުސިން މިނިސްޓްރީން ޕްލޭންކޮށްފައިވާ ގޮތަށް ވެސްޓްޕާކް ސަރަހައްދު ތަރައްގީކޮށް، އެތަން ހިންގުމަށް އާމިރު މަންސޫރާ ހަވާލުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވެސްޓްޕާކް ހިންގަން އާމިރަށް ކުއްޔަށް ދޫކޮށްފައިވަނީ ހައުސިން މިނިސްޓްރީން އެސަރަހައްދު ތަރައްގީ ކުރުމަށް މިހާރު ނިންމާފައިވާ ޕްލޭނާ އެއްގޮތަށް އެތަން ތަރައްގީ ކުރާ ގޮތަށް ކަމަށެވެ. ވެސްޓް ޕާކް ހުންނަ ސަރަހައްދު ތަރައްގީ ކުރަން ސަރުކާރުން ހަމަޖައްސާފައިވަނީ އެ ސަރަހައްދުގައި އުމުރުން ދުވަސްވީ މީހުންނަށާއި ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭ ހިތްފަސޭހަ މައިދާނެއްގެ ގޮތަށެވެ.
ވެސްޓްޕާކް ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ހުޅުވައިލި ފުރުސަތުގައި އެކަމަށް އެދި ފަސް ފަރާތަކުން ހުށަހަޅައިފައިވާއިރު އެންމެ މަތީ އަގެއް ހުށަހަޅުއްވައިގެން ވެސްޓްޕާކް ހިންގެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކުރީގެ ޓެނިސް ކުޅުންތެރިޔާ އާމިރަކީ ކުރީގެ ލީލީސް ރެސްޓޯރެންޓް ހިންގެވި އަދި މިހާރު މޭރީ ބްރައުންގެ ހިއްސާދާރެއް ވެސް މެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުވާސް ކުންފުންޏާ އެކު ވެސްޓްޕާކް ހިންގުމަށް ދޫކޮށްފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ އެވެ.