15 Sep 2012, 16:56
ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދޫކޮށްފައި ނުވާ ޖަމާއަތްތަކުން މީހުންގެ އަތުން ފައިސާ ނުނެގުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ހައްޖަށް މީހުން ގެންދިޔުމަށް މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާ ކަމަށާއި އެ ކޯޓާތައް މިހާރު ހުސްވެފައިވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ ކޯޓާތައް ހުސްވެފައިވާތީ އެހެން ގައުމެއްގެ ކޯޓާގައި މީހުން ހައްޖަށް ގެންދިޔުމަށް ބައެއް ޖަމާއަތްތަކުން މަސައްކަތް ކުރަމުންގެންދާ ކަމަށާއި އެއީ ހުއްދަ ކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާތަނަށް އެހެން ގައުމެއްގެ ކޯޓާގައި ދިވެހީން ހައްޖަށް ގޮސްފައި ވަނީ އެ މީހަކު އެ ގައުމެއްގައި މަސައްކަތް ކުރާތީ ކަމަށާއި އެއާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ރާއްޖޭގެ މީހުން އެހެން ގައުމުތަކުގެ ކޯޓާގައި ހައްޖަށް ދިޔުމަކީ ސައުދީ ސަރުކާރުން ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.
"އެހެން ގައުމުތަކުގެ ކޯޓާގައި ދިވެހި ރައްޔިތުން މީހާތަނަށް ހައްޖުކޮށްފަ ނުވޭ ވަރަށް ޚާއްސަ އިސްތިސްނާ ހާލަތެއްގަ ނޫނިއްޔާ އެއީ އެ ގައުމުތަކުގައި މަސައްކަތް ކުރަން ތިބި މީހުން ފިޔަވާ. ހަގީގަތުގަ ސައުދީ އަރަބިއާގެ ގަވާއިދުތައް ވެސް ތަންދޭ ކަމެއް ނޫން އެއީ. އެހެން ގައުމެއްގެ ކޯޓާގަ އަނެއް ގައުމުގެ މީހުން ދިޔުން. އެގައުމަކަށް ލިބޭ ކޯޓާގަ އެގައުމަކުން އަބަދުވެސް ދާން މިޖެހެނީ. މިފަހަރުވެސް އެގޮތަށް ކަންތައް ކުރިއަށް ގެންދިޔުމަށް އަޅުގަނޑު އިލްތިމާސްކުރަން. ގުރޫޕުތަކުން ވެސް ފައިސާ ނަގައިގެން ނުވާނެ އެ ގުރޫޕްތަކަށް ހުއްދަ ނުދެނީސް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހައްޖު ކޯޓާ ލިބުމާއެކު ކޯޓާ ހަވާލުކުރެވޭ ފަރާތްތަށް އިސްލާމިކް މިނިސްޓްރީން އަބަދުވެސް އިއުލާން ކުރާނެ ކަމަށާއި ހުއްދަ ނޯންނަ ޖަމާއަތްތަކަށް ފައިސާ ހަވާލު ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ހައްޖު ކޯޓާ އިތުރަށް ރާއްޖެއަށް ނުލިބޭނެ ކަމަށް ސައުދި އަރަބިއާގެ ސަރުކާރުން އަންގާފައިވާ ކަމަށާއި އިތުރު ކޯޓާ ލިބޭތޯ އެކިގޮތްގޮތުން ސަރުކާރުން މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މައްކާގެ ހަރަމް ބޮޑު ކުރުމަށް އެތާގެ ވަރަށް ގިނަ ހޮޓާތައް ތަޅާލާފައިވާ ކަމަށާއި އިތުރު ކޯޓާތައް ނުލިބިގެން އުޅެނީ އެކަމާއި ހެދި ކަމަށެވެ.
"ދިމާވެގެން އުޅޭ މައްސަލައަކީ މައްކާގެ ވަރަށް ގިނަ ހޮޓާތައް ތަޅާލާފަ ހުރީ. އަޅުގަނޑު ވެސް ރަމަޟާން މަހުގެ ފަހުދިހައިގައި މައްކާއަށް ދިޔައިން އަޅުގަނޑަށް ވެސް ފެނުނު އެ މަންޒަރު. ވަރަށް ގިނަ ހޮޓާތައް ތަޅާލާފަ މައްކާގެ ހަރަމް ބޮޑު ކުރުމަށް. އެހެންވީމަ އެކަހަލަ ވަރަށް ގިނަ ދަތިތަކާއި، މީހުން ތިބުމުގައި ހުރި ދަތިތަކާއި މިކަހަލަ ކަންތައްތަކަށްޓަކާ އަސްލުގަ މިހެން ދިމާވެފަ މިއޮންނަނީ،" ޝަހީމް ވިދާޅުވި އެވެ.
ހައްޖަށް ދެވޭނެ ކަމުގެ އުންމީދުގައިި ބައެއް ޖަމާއަތްތަކަށް ފައިސާ ދެއްކިނަމަވެސް އެކަމުން އެ މީހަކަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އިސްލާމިކް މިނިސްޓްރީން ޒިންމާ ނުވާނެ ކަމަށް އެ މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.