ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކައި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް އަވަހަށް ފެށުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވައިލައިފި އެވެ.

ޑިމޮކްރަސީ ދުވަހާ ގުޅިގެން މިއަދު އެޗްއާރުސީއެމުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގައުމެއްގައި އުފެދޭ އެކި އެކި ދެބަސްވުންތަކާއިި ހަމަނުޖެހުންތައް ސުލްހަވެރިކަމާއެކު ހައްލު ކުރުމަށް އެންމެ ބޮޑަށް އެހީތެރިވެދޭ ވަސީލަތަކީ ޑިމޮކްރަސީގެ މުހިންމު ސިފައެއް ކަމަށްވާ އަދި އިސްލާމް ދީނުގައި ވެސް އެންމެ އިސްކަމެއްދޭ ޝޫރާގެ މަތިވެރި އުސޫލު ކަމުގައިވާއިރު ގައުމުގެ ތަރައްގީއާއި އިންސާނީ ކުރިއެރުވުމަށް އަދި އިންސާނީ ހައްގުތަކާއި ސުލްހަ މަސްލަސްކަން ގާއިމްކުރުމަށް މަޝްވަރާގެ އުސޫލު އިސްކުރަންޖެހޭ ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ މިފަދަ ނިޒާމެއްގައި އެންމެ މުހިންމު އެއް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލީސް ކަމަށާއި އެ މަޖިލިހުން ޒިންމާދާރުކަމާއެކު ހަރުދަނާ މަސައްކަތްތަކެއްކޮށް ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ކަންކަން ހިންގޭނެ ހަރުދަނާ ގާނޫނުތަކެއް ވުޖޫދަށް ގެނެސްދޭން ޖެހޭ ކަމަށެވެ. އަދި މިފަދަ ގާނޫނުތަކެއް މުހިންމު ވަނީ ރައްޔިތުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ މަގުތައް ފަހިކޮށްދިނުމަށެވެ.

"މާޒީވެ ގޮސްފައިވާ ވެރިކަމުގެ ނިޒާމްތަކުގެ މައްޗަށް ޑިމޮކްރަސީގެ ނިޒާމް ކުރި ހޯދައިފައިވަނީ އެ ނިޒާމުގައި ހިމެނޭ ރަނގަޅު އަސާސީ ސިފަތައް އޭގެ ފުރިހަމަ ގޮތުގައި އެފަދަ ގައުމުތަކުގައި ބޭނުން ކުރަމުން ދިއުމުގެ ސަބަބުން،" އެޗްއާރުސީއެމްގެ ނޫސް ބަޔާނުގައިވެ އެވެ.

މީގެއިތުން ޑިމޮކްރަސީ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ އުސޫލުތައް ކަމުގައިވާ ދެ ފުށް ފެންނަ ހާމަކަން ބޮޑު ޖަވާބުދާރީ ވެވޭ ހަމަތަކުގެ މަތިން ދައުލަތުގެ މުއައްސަސާތައް ހިނގަމުންދޭތޯ ބެލުމަށް ސިވިލް ސޮސައިޓީ އިތުރަށް ހަރަކާތްތެރިވުމަށާއި ޑިމޮކްރަސީއެއްގައި ހަމަހަމަކަން ގާއިމްކުރުމާ އެކު އަންހެނުންގެ ދައުރު ފުޅާކުރުމަށް އިސްކަން ދިނުމަށް އެކޮމިޝަނުން ވަނީ ގޮވައިލައިފަ އެވެ.

މިގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން އުފެއްދުމަށް ލާޒިމްކުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތައް ގާއިމުކުރުމުގެ މަސައްކަތް އަވަސްކޮށް އަންހެނުން ބާރުވެރިކުރުވުމަށް ވެސް ގޮވައިލައިފައިވެ އެވެ.

ޑިމޮކްރަސީ ދުވަހުގެ ޝިޔާރަކީ ޑިމޮކްރަސީ ތައުލީމް ކަމަށްވާތީ ހުރިހާ ފަރާތްތަކަކުން ވެސް ޑިމޮކްރަސީގެ އަސާސްތަކަށް އިހްތިރާމްކޮށް ޑިމޮކްރެޓިކް ނިޒާމުގެ ސިފަތަކާއި އުސޫލުތައް ރައްޔިތުންނަށް އޮޅުންފިލުވައިދީ ދިވެހިންނަކީ ޑިމޮކްރެޓިކް ހަމަތަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި މަދަނީ މުޖުތަމައަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.