އީޝާ ބޭނުންވަނީ ތަހުގީގުގައި ހުރިހާ ތަފްސީލެއް ކިޔައިދޭން
އީޝާ ބޭނުންވަނީ ތަހުގީގުގައި ހުރިހާ ތަފްސީލެއް ކިޔައިދޭން

އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ރައީސް އޮފީހާއި ބައެއް އެހެން މިނިސްޓްރީތަކުގައި އިސް މަގާމުތައް ފުރުއްވި އައިޝަތު އީޝާ އަޝްރަފް ބޭނުންވަނީ ހުރިހާ ތަފްސީލެއް ކިޔައިދޭން ކަމަށް އޭނާގެ ފަރާތުން މިރޭ ހާމަކޮށްފިއެވެ.

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ސުވާލުކުރުމަށް، އީޝާ މިރޭ ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަށް މިރޭ 21:00 ހާއިރު އީޝާ ވަނީ ހާޒިރުވެފައެވެ.

ފުލުހުން އީޝާއަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތެވެ.

ފުލުހުންގެ ތަހުގީގުގެ ސުވާލުތަކަށްފަހު، މީޑިއާތަކަށް މައުލޫމާތުދެއްވައި އީޝާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ބަޔާން ދިނުމަށް އީޝާ ނިންމާފައިވާ ކަމަށެވެ. އަދި، ތަހުގީގަށް އެ ބަޔާން ދިނުމަށްފަހު މީޑިއާތަކަށް ތަފްސީލުކޮށް އެ މައުލޫމާތު ވެސް ހިއްސާކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ތަހުގީގަށް އެ ބަޔާން ދިނުމަށްފަހު، އަޅުގަނޑުމެން ތަފްސީލުކޮށް ކިޔައިދޭނަން،" ޝަމީމް ވިދާޅުވިއެވެ.

"ވަޒީފާގެ މާހައުލުމުގައި މިކަންކަން ވުމަކީ ވަރަށް އާއްމުކަމެއް. އަޅުގަނޑުމެން ބޭނުންވަނީ މިކަހަލަ ކަންތައްތައް ހުއްޓެން. މިއީ އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ކަންތައްތަކެއް ނޫން. އެހެން މީހުންނަށް ވެސް އެނގެންވީ މިކަހަލަ ސަކަރާތް ނުޖަހަން!" އީޝާއަކީ އެ މައްސަލައިގައި 'ވިކްޓިމް' އެއްކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ތަނުގައި އީޝާ ވިކްޓިމްއަކަށް ވީ ގޮތާއި، އެ ހުރިހާ ތަފްސީލުތަކެއް ވެސް ހިއްސާކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެ ތަހުގީގަށް ބޭނުންވާ މިންވަރަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"އަޅުގަނޑު ގަބޫލުކުރަން، ފުލުހުން އެފަދަ ވާހަކައެއް ވިދާޅެއް ނުވާނެ އެކަން ސާފުނުކުރައްވައެއް،" ޝަމީމް ވިދާޅުވިއެވެ.

މި ޓީމުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މުޙައްމަދު ފަރީދު ވެސް މަސައްކަތް ކުރައްވައެވެ. އޭނާ މިރޭ ވިދާޅުވި ގޮތުގައި ފުލުހުންނަށް 'އައިޝާ' ޑޮކިއުމަންޓްރީގައި އެ ވާހަކަ ކިޔައިދޭ އަންހެން މީހާއަކީ އީޝާކަން އެނގުނު ގޮތުގެ ހެއްކެއް ފުލުހުންނަށް ލިބިފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ވަރަށް ސީރިއަސްކޮށް ކުރިއަށްގެންދާއިރު، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އީޝާގެ ޕާސްޕޯޓު ވެސް ވަނީ ތިން މަސްދުވަހުގެ މުއްދަތަށް ހިފަހައްޓާފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އީޝާ ރާއްޖެއިން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދަދު ނޫހަށް ފުލުހުން ވަނުމުން، ނޫސްވެރިން އިހުތިޖާޖުކުރުން -- ސަން ފޮޓޯ/ އަހުމަދު އިޔާދު

މީގެ އިތުރުން، މި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ މައްޗަށް ވެސް ބޮޑު ތަހުގީގެއް ފަށާފައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށް، ނޫސްވެރިކަމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ކޮމްޕިއުޓަރު ސިސްޓަމްތައް ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މީޑިއާއެއްގެ އޮފީހަށް ފުލުހުން ވަދެ މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ.

އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް ވެސް ފުލުހުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހިފަހައްޓާފައެވެ. އަދި، އެ ދެ ބޭފުޅުން ވެސް ފުލުހަށް ހާޒިރުކޮށްފައިވާއިރު، ތަހުގީގުގައި ސުވާލުކުރުމުން ދެ ބޭފުޅުން ވެސް ވަނީ ހަނު ހުރުމުގެ ހައްގުގެ ބޭނުންކުރައްވާފައެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ރާއްޖެއިން ފުރައިގެން ގޮސްދާނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާތީ ޕާސްޕޯޓުތައް ހިފެހެއްޓީ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާތަކުން ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް މުއިއްޒު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑޮކިއުމެންޓްރީގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.