ރިނބުދޫ ރައްޔިތުންގެ ބަޔަކު ނުކުމެ ނުރުހުން ފާޅު ކޮށް ރަށުގެ ސްކޫލް ފިޔަވާ ސަރުކާރުގެ ހުރިހާ މުއައްސަސާ އެއް މިއަދު ބަންދު ކޮށްފި އެވެ.

ރިނބުދޫ ކައުންސިލުން ބުނީ ރައްޔިތުން ނުރުހުން ފާޅުކޮށް ސަރުކާރުގެ އިދާރާތައް ބަންދުކުރީ ސަރުކާރުގެ ސިޔާސަތަކީ ރިނބުދޫ މީހުން އެހެން ރަށަކަށް ބަދަލު ކުރުން ކަމަށް ބުނެ ހައުސިން މިނިސްޓްރީން މިދިޔަ ހަފުތާގަ ފޮނުވި ލިޔުމަކާމެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރިނބުދޫ ކައުންސިލުން އަދި ބުނީ މިއަދު މުޒާހަރާއަށް ނުކުމެ ތަންތަން ބަންދު ކުރި ނަމަވެސް އެ މީހުނާ ބައްދަލުކޮށް ކައުންސިލުން ވާހަކަ ދެއްކުމުން މެންދުރު ފަހުން ފެށިގެން ކައުންސިލް އިދާރާ އާއި، ހެލްތް ޕޯސްޓް ހުޅުވަން އެއްބަސް ވެފައިވާ ކަމާށާއި މިހާރު މުޒާހަރާ ވެސް ނިމިފައިވާ ކަމަށެވެ.

ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް ވިދާޅުވީ ސުނާމީގަ ހާލުގައި ޖެހިގެން ކ. އަތޮޅު ތުލުސްދޫ އަށް ބަދަލު ކުރި ރިނބުދޫ މީހުންގެ ގޯތިތަކާބެހޭ ގޮތުން ހައުސިން މިނިސްޓްރީ އަށް ހުށަހެޅުމުން އެ ގޯތި ތަކުގައި އެއްވެސް އިމާރާތެއް ނުކުރަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

"ހައުސިން މިނިސްޓްރީން ފޮނުވި ލިޔުމުގައި އޮތ،ީ ސަރުކާރުގެ ސިޔާސަތަކީ ރިނބުދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކޮށް ރިނބުދޫ ހުސްކުރުން ކަމަށް ވާތީ ރިނބުދޫގައި ހުރި ފަޅުގެ ތަކުގައި އެއްވެސް ކަމެއް ނުކޮށް ބެހެއްޓުމަށް އަންގާފައި ވަނީ،" ހާތިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އެ ރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރަން ނިންފައި ވާ އިރު ބަދަލު ކުރަނީ ކޮން ރަަށަކަށް ކަމާއި، ކޮން އިރަކުން ކަމެއް އަންގާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން ވަރަށް ބޮޑަށް ރިނބުދޫ ބާކީ ކޮށްފައި ކަމަށާއި މިދިޔަ ރޯދަމަހު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރު ފުޅުގައިވެސް ރިނބުދޫ އަށް ވަޑައިނުގަންނަވާ ކަމަށެވެ.

"ސަރުކާރުން ރިނބުދޫ އޮތީ ވަރަށް ބޮޑަށް ބާކީ ކޮށް އެކަހެރި ކޮށްލާފަ، މިދިޔަ ރޯދަ މަހު [މިނިސްޓަރު] މުއިއްޒު މި އަތޮޅަށް ވަޑައިގަތް އިރުވެސް މި ރަަށަކަށް ވަޑައެއް ނުގަންނަވާ. އެހެން ނަމަ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާވެސް ކޮށްލެވުނީސް. މިދިޔަ ބުރާސްފަތި ދުވަހު ހެލްތް މިނިސްޓރ ވެސް މި އަތޮޅުގެ ރަށް ރަށައް ވަޑައިގަތް، އެކަމަކު މި ރަށަކަށް ވަޑައެއް ނުގަންނަވާ،" ހާތިމް ވިދާލު ވިއެވެ.

ތިލޭރު ކަމުގައި މަޝްހޫރު ރިނބުދޫއަކީ 541 މީހުންގެ އާބާދީ އެއް އޮންނަ ރަށެކެވެ. ރިނބުދޫގައި މިއަދު ކުރި މުޒާހަރާ އާ ބެހޭ ގޮތުން މައުލޫމާތު ހޯދަން ހައުސިން މިނިސްޓަރު ޑރ. މުއިއްޒަށް ފޯނުން ގުޅައިގެން މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ.