15 Sep 2012, 13:43
ކ. ކާށިދޫގައި ދެ ލޯބިވެރިން މެދު ޒުވާބެއް ހިނގައި، އަންހެންކުއްޖާ އެހެން މީހަކާ އިންނާނެ ކަމަށް ބުނުމުން ފިރިހެން ކުއްޖާ އަމިއްލަ އަށް ބަނޑަށް ވަޅިހަރައި ޒަހަމު ވެއްޖެ އެވެ.
އެ ހާދިސާއާ ގުޅިފައިވާ އަންހެން ކުއްޖާގެ ބައްޕަ މުހައްމަދު އިސްމާއިލް މިއަދު ބުނީ އެ ހާދިސާ ހިނގާފައި ވަނީ ރޭ 11:00 ޖަހާ އެހާކަންހާއިރު ކަމަށާއި ބަނޑަށް ވަޅިހަރައި ޒަހަމްވީ އޭނާގެ 18 އަހަރުގެ އަންހެން ދަރިފުޅާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ގދ. ފިޔޯރީ ކުއްޖެއް ކަމަށެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އެ ހާދިސާއަށް ފަހު ކާށިދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.
"އެނގިފައި އޮތީ އެ ދެ މީހުން އެވަގުތު ތިބީ ނޫޑްލިސް ކައްކަން ކަމަށް. އެހެން ތިބެފައި ސާމާސައަކަށް އަހަރެންގެ ދަރިފުޅު [އަންހެން ކުއްޖާ] ބުނި ކަމަށް ވަނީ ތިމަންނާ އެހެން މީހަކާއޭ އިންނާނީ، ކަލޭއަކާ ނީންނާނަމޭ! އެހެން ބުނީމަޔޯ އޭނާ އަމިއްލަ ބަނޑަށް ވަޅިހެރީ، އޭނަވެސް އެބަބުނޭ އޭނާ އަމިއްލައަށޭ އެކަންކުރީ، އަޅުގަނޑު މިބުނާ ވާހަކައަކީ ދަރިފުޅު އެހެން ބުންޏަސް އޭނާ އެގޮތަށް ކަންކުރާކަށް ނުޖެހޭނެ ނޫންހޭ!"
އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ ހަވާލާދީ އިސްމާއިލް ބުނީ އަމިއްލައަށް ޒަހަމްވި ފިރިހެން ކުއްޖާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށާއި ނަމަވެސް އޭނާގެ ހަށިގަނޑަށް ލޭ އަޅަންޖެހުމުން މިހާރު ލޭ އަޅަމުން އަންނަ ކަމަށެވެ.
އިސްމާއިލް ބުނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ފިރިހެންކުއްޖާއާ ދިރިއުޅެމުން ދިޔައީ ވެސް އޭނާގެ ދަރިފުޅާއެކު އޭނާގެ ގޭގައި ކަމަށެވެ. ފިރިހެން ކުއްޖާ އެގެއަށް ދިޔައީ ވެސް އޭނާގެ ދަރިފުޅާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް އޭނާ ބުންޏެވެ. ފިރިހެން ކުއްޖާ ކާށިދޫއަށް ދިޔަ ގޮތެއް ވެސް އަދި އޭނާއާ ބެހޭ އިތުރު މައުލޫމާތެއް އިސްމާއީލް ނުދެއެވެ.
ފިޔޯރީ ކައުންސިލުން ބުނީ އަމިއްލައަށް ޒަހަމްވި ކުއްޖާގެ ރަޖިސްޓްރީ އޮންނަނީ އެ ރަށުގައި ކަމަށް ވިޔަސް އޭނާ އާއި އާއިލާ ދިރިއުޅުނީ ފިޔޯރީގައި ނޫން ކަމަށެވެ.
"އަޅުގަނޑުމެނަކަށް ވެސް ނޭނގޭ އެމީހުން އުޅޭ ތަނެއް،" ކައުންސިލް ރައީސް މުހައްމަދު އަހުމަދު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި ހިމެނޭ އަންހެން ކުއްޖާއަކީ މީހަކާ ނުއިނދެ ދަރިޔަކު ވެސް ލިބިފައިވާ ކުއްޖެކެވެ. މިހާ ދިސާ ހިނގި އިރު، ކައިވެނި ކުރުމަށް ދެ މީހުން ވެސް ދިޔައީ ތައްޔާރުވަމުންނެވެ.
ލޯބީގައި އަމިއްލަ ބަނޑަށް ވަޅި ހެރި ކުއްޖާއަށް ލިބިފައިވާ ޒަހަމްތަކާއި އޭނާގެ ހާލު އޮޅުން ފިލުވަން އައިޖީއެމްއެޗަށް ގުޅުމުން ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ފޯނު ނުނަގާތީ މައުލޫމާތެއް ލިބޭ ގޮތެއް ނުވި އެވެ.
ފުލުސް މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ކާށިދޫގައި އަމިއްލައަށް ބަނޑަށް ވަޅިހަރައި ޒަހަމްވި 17 އަހަރުގެ ފިރިހެން ކުއްޖާގެ މައްސަލަ ބަލައި ތަހުގީގު ފަށާފައިވާ ކަމަށެވެ.