މި އަހަރުގެ ތެރޭގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި ގިނަ ދުވަސްތަކެއް ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހަށް ވެސް ދައުލަތުގެ ބަޖެޓުން 113 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާކަން ހާމަވެއްޖެ އެވެ.

މި އަހަރުގެ އަށް މަސް ދުވަސް ފާއިތުވެފައިވާ އިރު ފިނޭންސް މިނިސްޓްރީ އިން އާންމު ކޮށްފައިވާ ދައުލަތުގެ ހަރަދު ބަރަދުގެ ތަފްސީލްތަކުން އިނގޭ ގޮތުގައި މި މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ބަޖެޓުން ވަނީ ރައްޔިތުން މަޖިލީހަށް 113.3 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

އެއީ ދައުލަތުގެ ބަޖެޓުން ތިން ވަނަ އަށް އެންމެ ގިނައިން ހަރަދު ކުރި މުއައްސަސާ އެވެ. ރައްޔިތުން މަޖިލީހުގައި 77 މެންބަރުން ތިއްބަވާއިރު ކޮންމެ މެންބަރަކަށް މަހެއްގެ މައްޗަށް 62500ރ. މުސާރައިގެ ގޮތުގައިދެ އެވެ. އެއީ މަހެއްގެ މައްޗަށް 4.8 މިލިއަން ރުފިޔާ ޖެހޭ ވަރުގެ އަދަދެކެވެ. އަދި މެންބަރުންނަށް 20،000ރ.ގެ ކޮމެޓީ އެލަވަންސް ވެސް ކޮންމެ މަހަކު ލިބިވަޑައިގަންނަވަ އެވެ.

ނަމަވެސް މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާ މާޗު 19 ވަނަ ދުވަހު ފެށި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ސިޔާސީ ކޯޅުމާއި ހަމަނުޖެހުމާ ހެދި ކުރިއަށްދާގޮތް ނުވެގެން ޖުލައި 31ގައި ޖަލްސާތައް މުއްދަތެއް ނެތް ގޮތައް ހުއްޓާލައިފައިވެ އެވެ. އޭގެ ފަހުން ޖަލްސާއެއް ބޭއްވީ އޮގަސްޓް ހަ ވަނަ ދުވަހު އެވެ. އެއީ ގާނޫނީ ބެލެނިވެރިކަން ދީފައިވާ ގަވާއިދުތަކުގެ މުއްދަތު އިތުރުކުރުމަށް ކޮންމެހެން ޖަލްސާ އެއް ބާއްވަން ޖެހިގެން ބޭއްވި ޖަލްސާ އެކެވެ. އޭގެ ފަހުން ވެސް މަޖިލިސް ބޭއްވުމަށް އެކި ގޮތްގޮތުން މަޝްވަރާތައް ކުރި ނަމަވެސް މަޖިލިސް އަލުން ބޭއްވުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއްނުވި އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް މަޖިލީހުގެ މެންބަރުން ވަނީ މި މަހުގެ އެކަކުން ފެށިގެން އެއް މަސް ދުވަހުގެ ޗުއްޓީއެއް ނަންގަވައިފަ އެވެ. ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ އޮކްޓޯބަރު އެއް ވަނަ ދުވަހު އެވެ. އެގޮތުން ޖޫން މަހު ވެސް މަޖިލީހުގެ މެންބަރުން ވަނީ ޗުއްޓީ ނަންގަވައިފަ އެވެ. އަދި ކޮންމެ އަހަރަކު ވެސް މަޖިލިސް ހުޅުވަނީ މާޗް އެކެއްގައި ކަމަށް ވުމުން ޖެނުއަރީ އަދި ފެބުރުއަރީ ވެސް މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާނީ ޗުއްޓީގެ ގޮތުގަ އެވެ.

މަޖިލީހުން އެދެވޭ މަސައްކަތްތަކެއް ނުކުރެވޭ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވެސް ވިދާޅުވެފައި ވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިން އެތައް ފައިސާއެއް މަޖިލީހަށް ހަރަދުކުރަން ޖެހޭ އިރު މަޖިލީހުގެ މަސައްކަތަށް ވުރެ މަޖިލީހުގެ މެންބަރުންނަށް ޗުއްޓީ މާމުހިންމު ކަމަށެވެ.

ކޯނީގެ ރިޕޯޓުގެ މައްސަލަތަކެއް ފެންމަތިކޮށް އަނެއްކާ ވެސް އެމްޑީޕީން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައި ވަނީ މަޖިލީހުގެ މަސައްކަތްތަކުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބައިވެރިނުވާނެ ކަމަށެވެ. މި ދައުރުގައި ވެސް ގިނަ ޖަލްސާތައް ހުއްޓާލަން ޖެހުނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ތަޅުން ހަލަބޮލިކުރައްވައި ހަމަނުޖެހުން ހިންގަން ފެށުމުންނެވެ.