އައްޑޫ ސިޓީގެ ހިތަދޫގައި ހުރި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި ދައުވާ ކުރުމުން ކޯޓަށް ހާޒިރު ނުވި ދެ މީހުން ފުލުހުން މެދުވެރިކޮށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް ދައުވާ އަށް އިންކާރުކޮށްފި އެވެ.

މިއަދު ދައުވާ އަށް އިންކާރުކޮށްފައި ވަނީ ސ. ހިތަދޫ ވެސްނޫގަސްދޮށުގޭ، ހުސެއިން ރިޔާޒާއި ހަމައެރަށު އަހިވަލުގޭ، މުހައްމަދު ޒުހައިރު އެވެ. މިދެ މީހުންނަކީ ވެސް ކުރިން ކޯޓަށް ހާޒިރު ނުވި ދެމީހުންނެވެ. މިދެމީހުން މިއަދު ޝަރީއަތަށް ހާޒިރު ކުރީ ފުލުހުންގެ ހައްޔަރުގަ އެވެ.

އެ ދެ މީހުންގެ ތެރެއިން ރިޔާޒުގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ 7:00 އާއި 9:30 އާއި ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާއެކު ހިތަދޫގައި ހުންނަ ޕޮލިސް ޓްރޭނިން ސްކޫލްތެރެއަށް ވަދެ އެ އިމާރާތަށާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރަށް ހިތަދޫގެ ޕޮލިސް އެކޮމަޑޭޝަން ބްލޮކްގެ އިމާރާތަށް ގެއްލުން ދީފައިވާތީ ކަމަށެވެ.

ދައުވާ އަށް އިންކާރު ކުރަމުން އޭނާ ބުނީ އެރޭ އޭނާ އެތަނަށް ގޮސްފައި ނުވާނެ ކަމަށާއި މައްސަލަަ ކުރިއަށް ގެންދަން ބޭނުންވަނީ އަމިއްލައަށް ވަކީލަކު ހަމަޖައްސައިގެން ކަމަށެވެ.

ޒުހައިރުގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ 7:00 އާއި 9:30 އާއި ދެމެދުގެ ވަގުތެއްގައި ޒުހައިރު އިތުރު ބަޔަކާއި އެކު ހިތަދޫގައި ހުންނަ ޕޮލިސް ޓްރޭނިން ސްކޫލްތެރެއަށް ވަދެ އެތާގެ އިމާރާތަށާއި މުދަލަށް ގެއްލުންދީފައިވާތީ ކަމަށެވެ.

ދައުވާ އަށް އިންކާރު ކުރަމުން އޭނާ ވެސް ބުނީ އެރޭ އެތަނަށް އޭނާ ނުދާކަމަށެވެ. އަދި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދައުލަތުގެ ފަރާތުން ވަކީލަކު އައްޔަން ކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު އައްޔަން ކުރަން އެ ދެ މީހުންނަށް ފުރުސަތު ދިނުމަށް ފަހު އެވެ. ގާޒީ ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ދެން ބާއްވާނީ އެ ދެ މީހުން ވަކީލަކު އައްޔަން ކުރުމުން ކަމަށެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ ހިތަދޫގެ ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި 21 މީހެއްގެ މައްޗަށް ދައުވާ ކުރާއިރު އެމީހުންގެ ތެރެއިން މިހާތަނަށް ކޯޓަށް ހާޒިރު ނުކުރެވޭތީ ޝަރީއަތް ފެށިފައި ނުވަނީ ސ. ހިތަދޫ ހިތިގަސްދޮށުގޭ އަބްދުﷲ އަޒުހީން އެވެ.

ރިޔާޒާއި ޒުހޭރާއި އަޒުހީންގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބޭ މީހުންނަކީ ސ. ހިތަދޫ ނޫރަތި، އާއިޝަތު އިބްރާހިމް 50، އާއި މުޑުދާސްގޭ މުހައްމަދު ޖަބީނާއި ސައްބުގޭ އަބްދުﷲ އަލީއާއި ހަމައެގޭ ހުސެއިން އަލީއާއި ހާލާފަރު މާލިކް އަހުމަދު ދީދީ އާއި ހުދުމާވަހަރުގެއާގޭ އަހުމަދު ހުސެއިންއާއި ޗާމަންގޭ އަބްދުﷲ ޝާހިދާއި ވައިލެޓްފެހި ޝިހާމް ހަބީބާއި އަލީބޮޚާރީގޭ މުހައްމަދު ނާގިސް އާއި ހަމައެގޭ އަހުމަދު ސުޖާއު އާއި ދުންސާމުރާނީގޭ މުހައްމަދު ހަސަނާއި އެމްޓޭޝަންގޭ ހަސަން ނަސީރާއި އައްޑޫގޭ ހުސެއިން އަޒުފަރާއި ފިނިމާ އިބްރާހިމް ނާފިއުއާއި އިމިތީގޭ އަލީ އަހުމަދާއި އޯވައްގޭ އިބްރާހިމް އަސަދާއި ސޯސަންގޭ މުހައްމަދު ޝަމްއޫންގެ އިތުރުން ތ. ތިމަރަފުށީ ބިސްގޭ އަލީ ލިޝާމް އެވެ.

މިމީހުންގެ ތެރެއިން އާއިޝަތު އިބްރާހިމްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ހިތަދޫގެ ޕޮލިސް ޓްރޭނިން ސްކޫލްގެ އިމާރާތަށް ގެއްލުން ދިން ވަގުތު އޭނާ އެކަމަށް ހިތްވަރުދީ އެތާނގެ މުދަލަށް ގެއްލުން ދިނުމަށް ގޮވާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ. ނަމަވެސް އޭނާ ވަނީ ދައުވާ އަށް އިންކާރުކޮށްފައެވެ.

އާއިޝަތު ފިޔަވައި ދެން ތިބި މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓާއި ހިތަދޫގައި ހުންނަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް ޓްރޭނިން ސްކޫލާއި ޕޮލިސް އެކޮމަޑޭޝަން ބްލޮކްގެ އިތުރުން "ކޯހެރެ" ނަމަކަށްކިޔާ ކެފޭގެ ތެރެއަށް ވަދެ އެތަންތާގެ މުދަލަށާއި އިމާރާތަށް ގެއްލުން ދީފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.