ސްރީލަންކާގެ ޖައިކް ހިލްޓަން ރެސިޑެންސްގެ 18 ވަނަ ބުރިން ވެއްޓި މަރުވި، ގ. މާވެނި މުހައްމަދު މިދުޝާހު 37،ގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ލަންކާ ކޯޓުން އަންގައިފި އެވެ.

ސްރީލަންކާގެ ފުލުހުންގެ އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވީ ލަންކާގެ ކޯޓުން އެގޮތަށް އަންގާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެ މައްސަލައިގައި ޝަރީއަތުގެ އަޑު އެހުމުގައި ކަމަށެވެ.

ލަންކާގެ ފުލުހުން ވަނީ އެ ދުވަހު އޮތް ޝަރީއަތަށް، މިދުޝާހުގެ މަރާ ގުޅިގެން ހަދާފައިވާ ޕޯސްމޯޓަމްގެ ފައިނަލް ފުލް ރިޕޯޓް، ހުށަހަޅައިފަ އެވެ. ނަމަވެސް އެ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި ކޯޓުން ވަނީ އެރިޕޯޓްގައި ހުރި އިތުރު ކަންތައްތައް ސާފުކުރުމަށް އަމުރުކޮށްފަ އެވެ.

ލަންކާގެ ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހަށް މިދުޝާހުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ހަ ދިވެހިން ހާޒިރުކޮށްފައިނުވާ ކަމަށާއި އެ މީހުން ޝަރީއަތަށް ދެން ހާޒިރުވާނީ ކޯޓުން އަންގާ ތާރީހެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ މިދުޝާހުގެ ޕޯސްޓްމޯޓަމް ރިޕޯޓް އަދި އޭގެ ކޮޕީއެއް ވެސް ކުރިން ފުލުހުންނަށް ލިބިފައިނުވާ ކަމަށާއި މިހާރު އެ ރިޕޯޓްގައި ހުރި ކަންތައްތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

"ރިޕޯޓްގައި ހުރި ފާހަގަކުރެެވޭ ތަންތަން މިހާރު މިގެންދަނީ ތަހުގީގު ކުރަމުން، އެއަށް ފަހު އެމަރުގެ ހަގީގަތް އެނގޭނެ،" ލަންކާގެ ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

މިދުޝާހުގެ މަރުގެ މައްސަލައިގައި ހަ ދިވެހިންގެ އިތުރުން މިދުޝާހުމެން ތިބި އެޕާޓްމަންޓުގައި ތިބި ލަންކާގެ ދެ އަންހެނުން ހަށި ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެވެ. ނަމަވެސް އެ ހަ ދިވެހިންނާއި އެ ދެ އަންހެނުން ވެސް ކޯޓުން ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ. ކަފާލާތުގެ ގޮތުގައި ދޫކޮށްލި ހަ ދިވެހިންގެ ފަރާތުން ލަންކާގެ 1.5 މިލިއަން ރުޕީސް ދައްކަން ޖެހެ އެވެ.