ގދ. މަޑަވެއްޔާއި ހޯނޑެއްދުއާ ދެ ރަށް ގުޅާލެވޭނެ ކަމުގެ ފުރިހަމަ ޔަގީކަން އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ހެނދުނު މަޑަވެއްޔަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ މަސައްކަތް ކުރައްވާނީ ތިމާވެށްޓަށް ރައްކާތެރި ގޮތަކަށް ދެރަށް ހަލާކުނުވާ ގޮތަކަށް ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި މަޑަވެލީގެ ބަނދަރު ހެދުމުގެ ހަރަދު ހިމަނުއްވާނެ ކަމަށާއި މަޑަވެއްޔާއި ހޯނޑެއްދޫގެ ނަރުދަމާ ގާއިމުކުރުމާއި ބޯފެން ފޯރުވައިދިނުމުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ މާލަހެއް ނުވެ ފެށޭގޮތް ހަމަޖެހިގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް މިހާރު އެންމެ ބޮޑުވެފައިވާ އެއްކަމަކީ ނަރުދަމާގެ ނިޒާމެއް ނެތުންކަން ރާއްޖޭގެ ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުން އިޙްސާސް ކުރެއްވޭ ކަމަށާއި އެންމެ މުހިންމު އެއްކަމަކީ ރަށްރަށުގައި ނަރުދަމާގެ ނިޒާމެއް ގާއިމު ކުރެއްވުން ކަމަށާއި ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައިގެން އެކަން ކުރެއްވޭތޯ އިރާދަކުރެއްވިއްޔާ މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.