އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ހާފް މެރަތަން ޗެމްޕިއަންޝިޕްގައި ސިފައިން އެއްވަނަ ހޯދައިފި އެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން އިއް ބޭއްވި ހާފު މެރަތަންގައި ފިރިހެން ކެޓަގަރީއިން އެއްވަނަ ހޯދާފައިވަނީ ލާންސް ކޯޕްރަލް ޝިފާޒު މުޙައްމަދު އެވެ. މިކެޓަގަރީއިން ދެވަނަ ހޯދާފައިވަނީ ސާޖަންޓް މުޙައްމަދު ރިޒާއެވެ. އަންހެން ކެޓަގަރީއިން އެއްވަނަ ހޯދާފައިވަނީ ޕްރައިވެޓް ޙަލީމަތު ޢަލީއެވެ. މިކެޓަގަރީއިން ދެވަނަ ހޯދާފައިވަނީ ލ.ކޯޕްރަލް އައިޝަތު ގުރައިޝާއެވެ.

ހާފްމެރަތަން ޗެމްޕިއަންޝިޕް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕޮލިސް އިންޓަރގްރިޓީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާޢީލްއެވެ.

މިމުބާރާތުގައި ވަނަވަނައަށް އައި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ތިން އޮލިޕިކްސްގައި ރާއްޖެ ތަމްސީލުކޮށްފައިވާ ހަމައެކަނި ދުވުންތެރިޔާ ފަސްޓް ސާޖަންޓް އަޙުމަދު ޝަޤީފް އާއި ދުވުމުގެ ޤައުމީ ރެކޯޑް ހަދާފައިވާ ފަރާތްތައް ކަމުގައިވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ރިޔާޒްގެ އިތުރުން އަލްފާޟިލް ނަޞީރު އިސްލާޢީލްއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން ހާފު މެރަތަން މިފަހަރު ފަސްކޮށްފައިވަނީ މިނިވަން ދުވަހަކީ ރަމަޟާން މަސްތެރޭ ކަމަށްވުމާއެކުގައި ކަމަށެވެ. ހާފްމެރަތަންގައި އެއްވައަށް އަންނަ ދުވުންތެރިއަކަށް 10000 ރުފިޔާ، ދެވަނައަށް އަންނަ ދުވުންތެރިއަކަށް 5000 ރުފިޔާ އަދި ތިންވަނައަށް އަންނަ ދުވުންތެރިއަކަށް 3000 ރުފިޔާ އެތުލެޓިކްސް އެސޯސިއޭޝަނުންވަނީ ދީފައެވެ.