ވިހި ވަނަ އެމްބީއޭ ޗެމްޕިއަންޝިޕުގެ ތަށި ރެޑްލައިން ކުލަބުން އުފުލާލައިފި އެވެ.

މުބާރާތުގެ ތަށި ރެޑްލައިން ކުލަބުން އުފުލައިލީ ޒުވާނުންގެ މަރުކަޒުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފައިނަލްގެ ފަހު ސިކުންތު ކޮޅުގެ ތެރޭ މުހައްމަދު ޒިލާލާއި އަހުމަދު އަފްޝަން ރަޝާދު ހޯދި ޕޮއިންޓްތަކާ އެކު، 91- 89 ޕޮއިންޓުން ޓީރެކްސް ބަލިކޮށްގެންނެވެ.

ދެޓީމްގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްލައިނަށް އެންމެ ގިނަ ޕޮއިންޓް ހޯދި އަފްޝަން އެވެ. އޭނާ ވަނީ މެޗުގައި ބަޔައް34 ޕޮއިންޓް ހޯދަދީފައެވެ.

ފައިނަލް މެޗަށް ފަހު އިނާމް ދެއްވީ ޝަރަފްވެރި މެހެމާން ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދެވެ.

މުބާރާތުގެ އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިއަކަށް ހޮވުނީ ރެޑްލައިން ކުލަބުގެ އަފްޝަން އެވެ. އަދި އެންމެ މޮޅު ޕްލޭމޭކަރަކަށް ޓީރެކްސްގެ މުހުސިން ހޮވުނުއިރު، އޮފެންސިވް ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ނާއިފް ރުޝްދީ އެވެ. މުބާރާތުގެ އެންމެ ގިނަ ޕޮއިންޓް ހޯދި އަދި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްލައިނުގެ ޒިލާލެވެ.