15 Sep 2012, 12:26
މިމަހުގެ 17 ވަނަ ދުވަހު ފަށާ ދިވެހި ލީގް ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅެވޭނެ ކަމުގެ ޔަގީން ކަން އެބޮތް ކަމަށް ވެލެންސިޔާގެ ލައިބީރިއާ ފޯވަޑް ރައިޓް ޗާލްސް ބުނެފި އެވެ.
ޗާލްސް ބުނީ، އަތް ބިނދުމުގެ ސަބަބުން އެފްއޭކަޕުގައި ވެސް ނުކުޅެވުނު އިރު، ކުރިއަށް އޮތް ރެލިގޭޝަންގައި ކުޅެވޭނެ ކަމާމެދު ޔަގީންކަން މިހާރު އެބޮތް ކަމަށެވެ. އަދި ޓީމުގެ ފަރިތަކުރުން ތަކުގައި މިހާރު ބައިވެރި ވަމުން އަންނަ ކަމަށް ވެސް ޗާލްސް ބުންނެވެ.
ޗާލްސް އަތް ބިނދުނީ ދިރާގް ދިވެހި ލީގުގެ ދެ ވަނަ ބުރުގައި ވިކްޓަރީއާ ދެކޮޅަށް ކުޅެ، 8-2 ލަނޑުން ވެލެންސިޔާ ބަލިވި މެޗުގައެވެ.
އެފްއޭކަޕްގައި ވިކްޓަރީ އަތުން 4-2 ލަނޑުން ވެލެންސިޔާ ބަލިވި މެޗަށްފަހު ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ، ރެލިގޭޝަނަކީ މުހިންމު މުބާރާތަކަށް ވީއިރު އެމުބާރާތަށް ޓީމް ވަރަށް ފުރިހަމައަށް ތައްޔާރު ވާނެ ކަމަށެވެ. އަދި އަނިޔާގެ ސަބަބުން އެފްއޭކަޕްގައި ނުކުޅެވުނު ޗާލްސްއަށް ކޮލިފައިންގައި ކުޅެވޭނެ ކަމުގެ ފެހި ސިގްނަލް މިހާރު ލިބެމުން އަންނަ ކަމަށް ވެސް ނާދު ބުންޏެވެ.
"އެފްއޭކަޕްގައި ވިކްޓަރީއާ ދެކޮޅަށް ވެލެންސިޔާއިން ދެއްކި ކަހަލަ ކުޅުމެއް ކުރިއަށް އޮތް ކޮލިފައިންގައި ދައްކައިފި ނަމަ ކޮލިފައިންގައި ކުޅޭ އެހެން ޓީމުތަކަށް ވެލެންސިއާ ނުހިފެއްޓޭނެ. ޗާލްސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއެއް.ރެލިގޭޝަނުން ސަލާމަތް ވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން" ނާދު ބުންޏެވެ.
ފާއިތުވެދިޔަ ތިން އަހަރު ނިއު އަށް އަދި މިއަރުގެ ކުރީކޮޅު ވީބީ އަށް ކުޅުނު ޗާލްސް އަކީ ލައިބީރިއާގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.
މިނިވަން ދުވަހުގެ ކުޅިވަރުތައް ބާއްވަން ގަލޮޅު ދަނޑު ޔޫތު މިނިސްޓްރީން ނެގުމުން ތިން ފަހަރެއްގެ މަތިން ފަސްކުރަން ޖެހުނު މިމުބާރާތުގައި ޖުމްލަ ހަތަރު ޓީމް ވާދަކުރެއެވެ. އަދި މުބާރާތުގެ ދެ ވަނަ މެޗުގައި މިމަހުގެ 18 ވަނަ ދުވަހު ބައްދަލުކުރާ ދެ ޓީމަކީ ދެ ވަނަ ޑިވިޒަންގެ ޗެމްޕިއަން ބީޖީ ސްޕޯޓްސް ކުލަބާއި ވިޔަންސާ އެވެ.
މިފަހަރުގެ ދިވެހި ލީގުގެ ކޮލިފިކޭޝަންގެ ހުރިހާ މެޗެއް ވެސް ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، މުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ދިވެހި ލީގަށް ކޮލިފައިވާނެ އެވެ.