15 Sep 2012, 12:25
ވިޔަންސާ ކޮޅަށް މެޗުގެ ދެ ވަނަ ހާފުގެ 67 ވަނަ މިނެޓުގައި ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) ޖެހި ހަމައެކަނި ލަނޑާއެކު 1- 0 އިން މޮޅުވެ އެފްއޭ ކަޕުގެ ސެމީ ފައިނަލުގެ ފަހު ޖާގަ މާޒިޔާ ރޭ ތަނަވަސް ކޮށްފި އެވެ.
މާޒިޔާ އަކީ މިދިޔަ އަހަރުގެ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް ޓީމެވެ.
ސެމީ ފައިނަލުގައި މާޒިޔާ ކުޅެން ޖެހޭނީ ކުއާޓާ ފައިނަލުގައި ވެލެންސިއާ އަތުން 4- 2 އިން ބުރާސްފަތި ދުވަހުގެރޭ މޮޅުވި ވިކްޓަރީއާ އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މަޒިޔާއަށް ރޭގެ މެޗުގައި ލިބިގެން ދިޔަކަން ވެސް ފާހަގަ ކޮށްލެވެ. އެގޮތުން މެޗުގެ ކުރީ ކުޅު އެޓީމްގެ ފޯވާޑް އައްސަދުﷲ އަބްދުއްﷲ އަށް ލިބުނު ފުރުޞަތުތައް ފާހަގަ ކޮށްލެވުނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.
ރޭގެ މެޗަށް ފަހު މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ، ވިޔަންސާއަތުން ލިބުނު މޮޅާއެކު މިދިޔަ އަހަރެކޭ އެއްގޮތަށް ޓީމް މިމުބާރާތުން ވެސް ރަނގަޅު ނަތީއެއް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަން ކުޅުންތެރިންގެ ފަރާތުން ފެނިގެން ހިގައްޖެ ކަމަށެވެ. އަދި މެޗުގައި ލިބުނު ފުރުސަތުގެ ބޭނުން ހިފުނު ނަމަ މެޗު އިތުރަށް ފަސޭހަވެގެން ދިޔައީސް ކަމަށެވެ.
"އަޅުގަނޑުމެން މެޗަށް ނުކުތީ ވެސް މިއީ ނޮކްއައުޓް މެޗެއް ކަން ދަނެ. މޮޅެއް ހޯދުމަށް. އެކަމަކުވެސް ކުޅުންތެރިންގެ ބުރަ މަސައްކަތުން އެކަން ކާމިޔާބު ކުރި. ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ފެނުނީ ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް. އެކަމަކު އަދި ވެސް ރަނގަޅު ކޮށްލަންޖެހޭ ބައެއް ކަހަލަ ކަންތައްތައް އެބަހުރި،" އިންމަ ބުންޏެވެ.
ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ބަލިވި ނަމަވެސް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި އަދި މޮޅުކުޅުމެއް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަކަމަށް ގަބޫލް ކުރާކަމަށެވެ. އަދި މުޅިމެޗަށް ބަލާއިރު ޓީމެއްގެ ގޮތުގައި ވަރަށް ރަނަގަޅު ކުޅުމެއް ކުޅުންތެރިން ދެއްކި ކަމަށް ވެސް ފެސްކޯ ބުންޏެވެ.