ރައީސް މުހައްމަދު ނަޝީދުގެ ވެެރިކަން ބަދަލުވުމާ ގުޅިގެން އެމްޑީޕީން މާލޭގައި ކުރި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ބަޔަކު އެމްޑީޕީގެ ޗެއާޕާސަން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ޕްރޮސެކުއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފެބްރުއަރީ 8 ގައި އެމްޑީޕީން ބޭއްވި އެމުޒާހަރާގެ ތެރޭގައި މޫސާ މަނިކަށް ފުލުހުން އަނިކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެކޮމިޝަނުން ކުރަން ފެށި ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި އެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ޕީޖީއަށް ފޮނުވައިފައިވާ ކަމަށެވެ.

އެމައްސަލަ ޕީޖީއަށް ފޮނުވައިފައިވަނީ އެމައްސަލައިގައި ޖިނާޢީ ދައުވާކުރާނެ ތަން އޮތް ކަމަށް ފެންނާތީ ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެމްޑީޕީން މާލޭގައި ފެބްްރުއަރީ 8ގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުން މޫސަ ހައްޔަރުކޮށްފައި ވަނީ އެ މުޒާހަރާގެ ތެރޭގައި ހަމަނުޖެހުން ހިނގަން ފެށުމުން މުޒާހަރާ ރޫޅާލުމުގެ ތެރެއިންނެވެ. އެވަގުތު މޫސަ ހުންނެވީ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާ އެކު ބާޒާރުމަތީގައި ހުރި ފިހާރައެއްގެ ތެރޭގަ އެވެ.